16 Aug 2021, 16:29
ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން މިދިޔަ ޑިސެމްބަރު މަހު އެއްބަސްވުން އުވާލުމާ އެކު ކުލަބެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައި ހުރި ޑިއޭގޯ ކޮސްޓާ ކުލަބަކާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ކުރިން ޗެލްސީއާއި އެތުލެޓިކޯ މެޑްރިޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ކޮސްޓާގެ އެއްބަސްވުން އުވާލިތާ އަށް މަހަށްފަހު އޭނާ ހިލޭ ޓްރާންސްފާއެއްގައި އެއްބަސްވުން ހަދާފައިވަނީ ބްރެޒިލުގެ އެތުލެޓިކޯ މިނޭރޯއާ އެވެ. ރިޕޯޓްތައް ބުނާގޮތުން ބްރެޒިލުގެ ކުލަބާ އެކު ކޮސްޓާ އެއްބަސްވުމެއް ހަދާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ.
ކޮސްޓާ އެންމެ ފަހުން މެޗެއް ކުޅުނީ ޑިސެމްބަރު 22، 2020 ގަ އެވެ. އެތުލެޓިކޯއަށް މިދިޔަ ސީޒަނުގައި ހަތް މެޗު ކުޅެ ދެ ގޯލް ޖެހިއެވެ. ލަ ލީގާގެ ޗެމްޕިއަންކަން އެތުލެޓީކޯ ހޯދުމުން ޗެމްޕިއަނެއްގެ ގޮތުގައި ކޮސްޓާގެ ނަން ވެސް ވަނީ ލިސްޓުކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން އެތުލެޓިކޯގެ އެއްބަސްވުމުގައި ބާކީ ގިނަ ދުވަސްތަކެއް އޮއްވާ ކޮސްޓާގެ އެއްބަސްވުން ކުއްލިއަކަށް އުވާލީ ކޮސްޓާގެ އެދުމުގެ މަތިންނެވެ. އަމިއްލަ ސަބަބުތަކާ ހުރެ ކޮސްޓާގެ އެއްބަސްވުން އުވާލަން ދެފަރާތުން އެއްބަސްވި އިރު، ރެެފްރީއަށް ހަޑި ހުތުރުބަހުން މުއާމަލާތް ކުރުމުން އޭނާ ހުރީ އަށް މެޗަށް ސަސްޕެންޑް ވެސް ކޮށްފައެވެ.
ބްރެޒިލަށް އުފަން، ކޮސްޓާ ވަނީ އެ ގައުމުގެ ގައުމީ ޓީމަށް ދެ މެޗު ކުޅެފައެވެ. ނަމަވެސް އޭނާ ކުޅުނު ދެ މެޗަކީ ފީފާގެ ދެ މެޗެއް ނޫނެވެ. ފަހުން އޭނާ ވަނީ ސްޕެއިންގެ ރަށްވެހިކަން ހޯދައި އެ ގައުމުގެ ގައުމީ ޓީމަށް ކުޅެފައެވެ.