ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ސަރުކާރުން މާލެއާއި އަތޮޅުތަކުގެ ތެރޭގައި އިމާރާތްކުރުމަށް ވައުދުވެފައިވާ 10،000 ހައުސިން ޔުނިޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ފަށާފައި ވަނީ 1957 ހައުސިން ޔުނިޓް ކަމަށް އާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މާލީ ހަލާތާއި ގުޅޭ މައުލޫމާތު ހާމަ ކޮށްދިނުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ވަޒީރުންގެ ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މިހާރު މަސައްކަތް ފެށިފައިވާ ހައުސިން ޔުނިޓްތަކުގައި ވަރަށް ބޮޑެތި މައްސަލަ ތަކެއްޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ވަގުތުން ވަގުތައް މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަސައްކަތް ހުއްޓިދާނެ ފަދަ ހާލަތެއްގައި ހުރި ޕްރޮޖެކްޓްތައް ހުރިކަމަށެވެ. އަދި އެފަދަ ހާލަތުގައި ހުރި ކަންކަން މިހާރު ހަމައަކަށް އެޅުވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ފެށިފައި ހުރި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވިފައިހުރީ ވަރަށް، ވަރަށް ބޮޑެތި މައްސަލަތަކެއް 'އިމީޑިޔަޓްލީ' އެކަމަށް ޑިޝިޝަން ތަކެއް ނުނަގައިފިނަމަ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް ހުއްޓޭނެ ޕްރޮޖެކްޓްސް ތަކެއް މާލޭގައި އެބަހުރި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހައުސިން ޕްރޮޖެކްޓްސްތަކުގެ މަސައްކަތް ހުއްޓުނަ ނުދިނުމަށް ސަރުކާރުން މަސައްކަތް ވަގުތުން ފަށައި އެފަދަ މަޝްރޫއުތައް ހިންގާ ފަރާތްތަކާއި ބައްދަލުކޮށް އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިހަފުތާ ނިމެންވާއިރަށް މި ފެށިފައިހުރި މަޝްރޫއުތައް ހުއްޓޭން ދިއުމަށް އެޖަހާފައި އޮތް މިސްރާބު ބަދަލުކޮށްލާ އެމަސައްކަތްތަކަށް އެއްވެސް ހުއްޓުމެއްނެތި ކުރިއަށް ދާނެ،" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް މަސައްކަތް ނުފެށި 5000 އަށްވުރެ ގިނަ ހައުސިން ޔުނިޓް ހުރިކަމަށާއި އޭގެތެރެއިން 4500 ވުރެ ގިނަ ހައުސިން ޔުނިޓްތަކަކީ އަދި ފެށުމާއި ގާތަށް ވެސް ގޮސްފައިނުވާ ހައުސިން ޔުނިޓްތައް ކަމަށެވެ. އެ ހަހުއިސންގް ޔުނިތްތަތަކުގެ މަސައްކަތް ފެށިފައިވާކަމަށް ކުރީ ގެސަރުކާރުން ބުނި ނަމަވެސް އެ ހައުސިންގ ޔުނިޓްތަކުގެ ކޮންޑިޝަނަލް އެގުރިމެންޓްތަކުގައި ސޮއިކުރުން ފިޔަވަ އެއްވެސް ކަމެއް ނިމިފައިނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކޮންޑިޝަނަލް އެގުރިމެންޓުގައި ސޮއިކޮށް ފައިވާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތްތަށް ހުރިކަމަށާއި އެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.


ކުރީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ރައީސް އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމަކީ މާލޭގެ ތަރައްގީއަށް މުހިން ޕްރޮގާރާމެއްކަމުން ޕްރޮގްރާމްގެ ސްޓިއަރިން ކޮމިޓީ އަލުން މިހަފުތާގެ ތެރޭގައި އިއުލާންކޮށް ވެށިފަހިމާލެ ޕްރޮގްރާމް ހައުސިން މިނސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގެދޮރު ހޯދުމަށް އެތައް ހާސް އެޕްލިކޭޝަނެއް ވަނީ ހުށައަޅާފައި. އަލުގަނޑުމެން އެމަސައްކަތް މިހާރު ގެނެވޭ ބަދަލާއިއެކު ދެފުށް ފެންނަ ގޮތަށް ވަރަށް ރަނގަޅަށް ގެންދެވޭތޯ މަސައްކަތްކުރާނަން ސީދާ ހައުސިން ،މިނސްޓްރީގެ ވެސް ދަށުން އަދި ކޮމިޓީގެ ބެލުމުގެ ދަށުން އެކަން ކުރިއަށް ގެންދެވޭތޯ ބަލާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެންމެ ބޮޑު އެއް އަމާޒަކަށް ވަނީ މިހާރު ފެށިފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމުން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ދެން ރާވާ ޕްރޮގްރާމުތައް ރާވާނީ މުޅި ރާއްޖޭގެ ތަރައްގީ އަމާޒުކޮށް ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުން ރާއްޖޭގެ އެކިސަރަހައްދުތައް ތަރައްގީ ކޮށް ރައްޔިތުންނަށް ހަގީގީ މާންފާ ލިބޭ ގޮތަށް ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު ގެ ސަރުކާރުން ކަނޑައަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2013 ވަނަ އަހަރު ގެ ނިޔަލަށް 8000 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމި، އެތަންތަނަށް ރައްޔިތުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ނަޝީދުވަނީ މިއަހަރުގެ ޖެނުއަރީ މަހުގެތެރޭ ގުޅިފަޅުގައި ހުންނަވައިގެން ވިދާޅުވެފަ އެވެ.