ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައިވާ މަނީ ލޯންޑަރިން ކުށުގެ ހުކުމްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް އަންނަ މަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.

ސުޕްރީމް ކޯޓުން މައުލޫމާތު ދިން ގޮތުގައި ރައީސް ޔާމީންގެ މައްސަލައިގައި އިސްތިއުނާފް އަޑުއެހުމެއް ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހަށެވެ. އަޑުއެހުން އޮންނާނީ އެ ދުވަހުގެ ހެނދުނު 09:00 ގައެވެ.

އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ކުރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ ޖެނުއަރީ 21، 2021 ވަނަ ދުވަހެވެ. އެއަށް ފަހު އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ދެމެހެއްޓީ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އެވެ. އެއާ ހިލާފު ރައުޔަކަށްވީ ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔެވެ.

ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިޔަށް ދަމުންނެވެ.