އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މިނިވަންކަމަށް 75 އަހަރު ފުރުމުގެ މުނާސަބާގައި އިންޑިއާ ހައިކޮމިޝަނުން ބޭއްވި ހާއްސަ ހަފްލާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ އެންމެ ގާތްކޮށް މަސައްކަތްކުރާ ގައުމުކަމަށެވެ. އަދި އަބަދުވެސް ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީގެ އަތް ފޯރުކޮށްދޭ ގައުމުކަމަށެވެ.

އެގޮތުން މިހާރުވެސް އިޖްތިމާއީތަރައްގީގެ ދާއިރާއިން އިންޑިޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މަޝްރޫތަކާ އަދި އިންޑިއާގެ އެހީގައި ގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތައް ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ވަނީ ސަރުކާރުން ލާމަރުކަޒީގޮތުން ރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތްތައްވެސް މިހާރު ހަލުވި ދުވެލީގައި ކުރިޔަށްދާކަމަށް ވިދާޅުވެފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ދެގައުމުގެ ސިޔާސީ ގުޅުން ގާއިމުވުމުގެ ކުރިންވެސް އިންޑިއާއާއި ރާއްޖެއާއި ދެމެދު އެކުވެރިކަމުގެ ގުޅުންތައް ފެށިފައިވާކަމަށް ވިދާޅުވެފައެެވެ. އަދި އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއެކު ރާއްޖޭގެ މިނިވަންކަން ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި ވެސް އިންޑިޔާ ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އޭގެ ފަހުން އެކިދާއިރާތަކުން ދެ ގައުމުގެ ގުޅުންތައް ބަދަހިވަމުން އައިސް ފާއިތުވެދިޔަ ތިން އަހަރު އިންޑިއާ އާއި ރާއްޖޭގެ ގުޅުން މަތީ ހަރުފަތަކަށް ގެންދެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

އެގޮތުން މި މުއްދަތުގައި ދެ ގައުމުގެ އެންމެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްކުރެއްވުން އިތުރުވެ އިތުރު ދާއިރާތަކުން ދެ ގައުމުގެ ގުޅުންތައް ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވާކަމަށް ނައިބު ރައީސް ފައިސަލް ވަނީ ވިދާޅުވެފައެވެ.