21 Feb 2012, 23:47
ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް މަގުފަހިވާ ގޮތަށް ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް ޔޫރަޕިއަން ޔޫނިއަނުން ގޮވާލައިފި އެވެ.
އީޔޫގެ ހައި ރެޕްރެޒެންޓެޓިވް ކެތަރީން އޭޝްޓަން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި އިތުރު ހަމަނުޖެހުމެއް އުފެދިދާނެ ފަދަ ކަމެއް ސިޔާސީ ޕާޓީތަކުން ނުކުރުމަށާއި ރާއްޖޭގެ ޑިމޮކްރަސީ އަށް ގެއްލުމެއް ވެދާނެ ކަމެއް ނުކުރުމަށެވެ.
ފުލުހުންނާއި ސިފައިން ވެސް ގާނޫނު އަސާސީ އިން އެ ފަރާތްތަކަށް ލިބިދީފައިވާ ބާރުގެ ތެރެއިން މަސްއޫލިއްޔަތުތައް އަދާކުރުމަށް ވެސް ގޮވާލައިފައިވެ އެވެ.
ވެރިކަން ބަދަލުވުމުގައި ކަންތައް ހިނގައި ދިޔަ ގޮތް ބެލުމަށް މިނިވަން މުސްތަގިއްލު ތަހުގީގެއް ކުރުމުގެ މުހިންމުކަން ވެސް އީޔޫގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ތަހުގީގުގައި ހުރިހާ ސިޔާސީ ޕާޓީތައް އެއްބަސްވެވޭ ގޮތެއް ބެލުމަށް ވެސް ގޮވާލައިފައިވެ އެވެ.
އީޔޫގެ ބަޔާނުގައި އޭޝްޓަން ވިދާޅުވެފައި ވަނީ މި މަހު 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވުމަށް ފަހު، ހިނގާ ކަންކަން އީޔޫ އިން ބަލަމުން އަންނަ ކަމަށާއި އަދި އީޔޫގެ ވަފުދު ރާއްޖެ އައިސް ބޮޑެތި ސިޔާސީ ޕާޓީތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަށް އީޔޫގެ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.