16 Aug 2021, 11:07
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ލަފާ ހޯދުމަށް، ފަަސް ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި، އަހްމަދު ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެގޮތުން އީސީގެ މެންބަރުކަމަށް އައްޔަންކުރުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ފަސް ނަމެއް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވީ ނަމަވެސް، މަޖިލީހުން ރުހުން ދޭނީ އެއް ބޭފުޅަކަށެވެ.
ރައީސް ފޮނުއްވި ނަންތައް
މުހައްމަދު އާސިފް، ހ .އިރުވައި
- ޝަހުލާ އިސްމާއީލް، ޅ. ހިންނަވަރު
- އަޒްލީމާ އަހުމަދު، ދަފްތަރު 341/94
- އަހުމަދު މަންސޫރު، ވ. ރިވެތި
- މަރިޔަމް ހަނީފާ ހާލިދް، އަނބުގަސްދޮށުގެ، ހއ.ކެލާ
އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
މީގެ އިތުރުން މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
އަދި މަގާމަށް ކުރިމަތިލާ ފަރާތަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ވެގެންވެސް ނުވާނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައި ވާންޖެހެއެވެ.
އޭގެ އިތުރުން އީސީގެ މެންބަރު ކަަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެ ކަމަށް މަގާމުގެ ޝަރުތުތަކުގައި ހިމަނާފައިވެއެވެ.