ކާބުލް (އޮގަސްޓް 16): އަފްގާނިސްތާނުގެ ހަނގުރާމަވެރި އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ތާލިބާނުން އެގައުމުގެ ވެރިރަށް ކާބުލްއަށް އެރުމާއެކު ރައީސް އަޝްރަފް ގާނީގެ ސަރުކާރު ވެއްޓިފައިވާއިރު އަފްގާން ރައްޔިތުން ނިސްބަތްވާ ހުރިހާ ދީންތަކާއި ނަސްލުތަކުގެ މީހުން ހިމެނޭ ގޮތަށް ގިނަބަޔަކު ޝާމިލްވާ ސަރުކާރެއް އެކުލަވާލަން މަސައްކަތް ކުރާނެކަމަށް ތާލިބާނުން ބުނެފިއެވެ.

ތާލިބާނުންގެ އިސް ދެ މަސްއޫލުވެރިއަކާ ހަވާލާދީ ރޮއިޓާސްއިން ހަބަރުދޭގޮތުގައި އަފްގާނިސްތާނުގެ ވަކި ނަސްލަކާ އަދި ވަކި ފަންތިއަކާ އަދި ގިންތިއަކާ ދެކޮޅުވުމާ އަދި އިސްކަން ދިނުމުގެ ވިސްނުމެއް ތާލިބާނުންގެ ނެތެވެ. ތާލިބާނުން ދެކެނީ އަފްގާން ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމުގައިކަމަށް ރޮއިޓާސް އިން އެ ޖަމާއަތާ ހަވާލާދީ ރިޕޯޓްކުރިއެވެ. އަދި ތާލިބާނުން މަސައްކަތްކުރަނީ އަފްގާން ރައްޔިތުން ނިސްބަތްވާ ހުރިހާ ދީންތަކާއި ގައުމިއްޔަތުތަކާއި އަދި ނަސްލުތައް ހިމެނޭގޮތަށް ސަރުކާރެއް އެކުލަވާލުމުގެ ވާހަކަތައް އަވަހަށް ފެށުމަށެވެ.

ތާލިބާން ހަނގުރާމަވެރިން އަފްޣާން ރިޔާސީ ގަނޑުވަރުގައި ރައީސުލްޖުމްހޫރިއްޔާގެ މޭޒުގައި

ތާލިބާނުން ކާބުލްއަށް ވަނީ ހަނގުރާމައަކާ ނުލައެވެ. ކާބުލްއަށް ވަދެގަތުމަށްފަހު އެއްވެސް ހަމަނުޖެހުމެއް އެ ޖަމާއަތުން ހިންގިކަމަށް އަދި ރިޕޯޓެއް ނުކުރެއެވެ. ތާލިބާނުންވަނީ އަފްގާން ރައްޔިތުންނަށާއި އަވަށްޓެރި ގައުމުތަކަށާ އަދި ބައިނަލްއަގްވާމީ މުޖްތަމައަށް ސުލްހައިގެ މެސެޖެއް ދީފައެވެ. ތާލިބާނުން ދިން މެސެޖްގައި އެގައުމުގެ އެތެރެއާއި ބޭރަށް ގޮވާލާފައިވަނީ ކަންބޮޑުނުވުމަށެވެ. އަދި އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވާނެކަމުގެ ޔަގީންކަމެވެ. އަފްގާނިސްތާނުގައި ތިބި ބޭރުގައުމުތަކުގެ ރައްޔިތުންނާއި ޑިޕްލޮމެޓުން އެމީހުންގެ ގައުމުތަކަށް އަނބުރާ ގެންދިޔުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް ތާލިބާނުން ހުރަސް އަޅާފައެއް ނުވެއެވެ.

އަފްގާން ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ވުޒާރާތަކާއި ސިފައިންނާއި ފުލުހުންގެ މައިމަރުކަޒުތަކާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް މިހާރު ވަނީ ތާލިބާން ހަނގުރާމަވެރިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. ކާބުލްއަށް ވަދެގަތުމުގެ ކުރިން ތާލިބާނުންވަނީ އަފްގާނިސްތާނުގެ 30 އަށްވުރެ ގިނަ ސްޓޭޓް އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ.

ތާލިބާން ހަނގުރާމަވެރިން ހަނގުރާމައަކާ ނުލައި ކާބުލްއަށް ވަންނަނީ

ތާލިބާނުން ކާބުލްއަށް ވަދެގަތުމުގެ ތަންކޮޅެއްކުރިން އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ގާނީ ވަނީ އޭނާގެ ސިއްރިޔާތުގައި ވައިގެ މަގުން އަވަށްޓެރި ތަޖިކިސްތާނަށް ފިއްލަވާފައެވެ. ތަޖިކިސްތާނުގައި ދެއްވި ބަޔާނެއްގައި ގާނީ ވިދާޅުވީ އޭނާ ގައުމު ދޫކުރައްވައި ތަޖިކިސްތާނަށް ވަޑައިގެންނެވީ ލޭ އޮހޮރުވުމެއް އުފެދުނަ ނުދިނުމުގެ މަގްސަދުގައެވެ.

ތާލިބާން ލީޑަރުން

ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް އަފްގާން ސިފައިންނަށް ވަނީ ނުކުޅެދިފައެވެ. މިއާއެކު އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރައި އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ހަރަދުކޮށްގެން އެގައުމުގެ ސިފައިންގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުވާލައިކުރި 20 އަހަރު ދުވަހުގެ ހަނގުރާމަ މުޅިން ބޭކާރުވެފައިވާކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. އެތައް ބިލިޔަން ޑޮލަރެއް ހަރަދުކޮށްގެން އެމެރިކާގެ ޒަމާނީ ހަތިޔާރާއި ތަމްރީން ދީގެން ތައްޔަރުކޮށް އުފެއްދި އަފްގާން ސިފައިންގެ ލަޝްކަރުތަކުން ހާސިލް ކުރެވުނު އެއްވެސް ކަމެއްނެތެވެ. އެ ލަޝްކަރުތައް ތާލިބާނުންނަށްވަނީ އަމާން ދީފައެވެ.