16 Aug 2021, 11:41
ދުނިޔެ ދުށް އެންމެ މޮޅު އެއް ފޯވާޑްކަމަށް ގިނަބަޔަކު އިއްތިފާގުވާ ޖަރުމަނުގެ ބަޔާން މިއުނިކުގެ ރަމްޒުދާރު (ލެޖެންޑް) ގާޑް މުލާ އުމުރުން 75 އަހަރުގައި މަރުވެއްޖެއެވެ.
މުލާ މަރުވިކަން އޭނާގެ އާއިލާއިން ވަނީ ޔަގީންކޮށްދީފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު މުލާ މަރުވި ހަބަރާ އެކު ފުޓުބޯޅަ އާއިލާއިން ހިތާމަކުރަމުން އަންނަ އިރު، އޭނާއަށް ވަނީ ސިކުނޑީގެ ހަނދާނާއި ބެހޭ ބައްޔެއް ކަމަށްވާ "އަލްޒައިމާ" ޖެހިގެން 2015 ވަނަ އަހަރު ފަރުވާ ދީފައެވެ.
ފުޓުބޯޅައިން ހޯދެންހުރި ހުރިހާ ކާމިޔާބީއެއް ހޯދި މުލާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް 1970 ވަނަ އަހަރު ހޯދައިފަ އެވެ. އަދި އެހެންމެ އޭނާ ވަނީ 1974 ވަނަ އަހަރު ޖަރުމަނާ އެކު ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އަދި 1972 ވަނަ އަހަރުގެ ޔޫރޯ ވެސް ތަށި ވެސް އުފުލާލިއެވެ. ޖަރުމަނު ގައުމީ ޓީމަށް މުލާ ވަނީ 62 މެޗުން 68 ގޯލު ޖަހައިފައެވެ.
ޓީއެސްވީ ނޯޑްލިންގަންއިން ކެރިއަރު ފެށި މުލާގެ ވިދުން އެންމެ ގަދައީ ބަޔާން މިއުނިކުގައެވެ، އެގޮތުން 1964 ވަނަ އަހަރު މުލާ ބަޔާނާ ގުޅި، އޭނާ ވަނީ އެ ޓީމުގައި 15 އަހަރު ހޭދަކޮށްފައެވެ. އަދި އެ ޓީމަށް ކުޅެދިން 605 މެޗުގައި މުލާ 563 ލަނޑު ކާމިޔާބުކުރިއިރު، އޭނާ ވަނީ ބަޔާނާއެކު ޖަރުމަން ލީގާއި ޖަރުމަން ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މުލާ ވަނީ ބަޔާނާއެކު ޔޫރަޕިއަން ކަޕް ތިން ފަހަރު އަދި ޔޫރަޕިއަން ކަޕް ވިނާސް ކަޕާއި އިންޓަ ކޮންޓިނެންޓަލް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.
"މިއަދަކީ ބަޔާން މިއުނިކާއި، އެކުލަބުގެ ސަޕޯޓަރުންނަށް ހިތާމަވެރި ދުވަހެއް. ގާޑް މުލާ އަކީ ދުނިޔެ ދެކެފައި ނުވާ ވަރުގެ ހުނަރުވެރި ފޯވާޑެއް. އެފަދަ ދެވަނަ ކުޅުންތެރިއަކު މިހާތަނަށް އަދި އުފެދިފައެއް ނުވޭ. އޭނާއާ ނުލައި މިއަދު މިއޮތް ފަދަ ބަޔާން މިއުނިކެއް މިއަދު ނެތީސް." މުލާގެ މަރާ ގުޅިގެން ބަޔާނުގެ ރައީސް ހާބާޓް ހެއިނާ ބުނެފައިވެއެވެ.