ޕްރިމިއާ ލީގުގެ ދިފާއީ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ޓޮޓެންހަމްއިން އާސީޒަނުގެ ފެށުން ރަނގަޅުކޮށްފިއެވެ. ޓޮޓެންހަމްއިން ސިޓީ ބަލިކުރީ 1-0 ނަތީޖާ އަކުންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެޓީމު ޓޮޓެންހަމް ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ވަނީ ބަލިވެފައެވެ.

ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ނުލައި ކުޅުނު މެޗުގައި އެޓީމުގެ ސޮން ހުން މިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ ހަމައެކަނި ގޯލު 55 ވަނަ މިނިޓުގައި ޖަހާފައެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެ ކުޅުނު ނަމަވެސް ސިޓީއަށް ވަނީ ޓޮޓެންހަމް ކީޕަރު ހޫގޯ ލޮރީސްގެ ގޯލަށް ނުރައްކާ ކުރަން ނުކުޅެދިފައެވެ.

ސިޓީގެ ކުޅުމާ ހިލާފަށް ޓޮޓެންހަމްއިން ވަނީ ނުރައްކާތެރި ކައުންޓާ އެޓޭކުތަކެއްކޮށް ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އިނގިރޭސި ރެކޯޑް ޓްރާންސްފާ އަގަކަށް އެސްޓަން ވިލާއިން ސިޓީއަށް ބަދަލުވި ޖެކް ގްރީލިޝް ވަނީ ފުލްކޮށް މެޗުގައި ކުޅެފައެވެ. ނަމަވެސް އޭނާއަށްވެސް ޓޮޓެންހަމްގެ ޑިފެންސް ލައިނު ފޫއަޅުވައެއް ނުލެވުނެވެ.

މެޗަށް ފަހުން އެންމެ ގަދައަށް ދެކެވެމުންދާ ވާހަކަ އަކީ މެޗުގައި ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ނުކުޅުން ވަހަކައެވެ. ކޭން ބޭނުން ވަނީ މިސީޒަނުގައި މެންޗެސްޓާ ސިޓީއަށް ބަދަލުވުމަށެވެ.

ސިޓީއިން ވަނީ ކޭން ގަތުމަށް 150 މިލިއަން ޕައުންޑުގެ އަގެއް ޓޮޓެންހަމްއަށް ހުށައަޅާފައެވެ. ނަމަވެސް ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ އަންނަނީ ކޭން ވިއްކާލުމަށް ދެކޮޅު ހަދަމުންނެވެ.

ޓޮޓެންހަމްއިން އޭނާ ވިއްކާލުމަށް ޕްރެޝަރު ކުރުމުގެ ގޮތުން ކޭން ވަނީ ޕްރީ ސީޒަން ފަރިތަކުރުންތަކަށް ނުނިކުމެ ޗުއްޓީއަށްގޮސްފައެވެ.

މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުގައި މިރޭގެ މެޗުގައި ކޭން ނުކުޅުނީ އަމިއްލަ ސަބަބުތަކާ ހުރެއެވެ.