ކާބުލް (އޮގަސްޓު 15): އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ގައުމުން ފިއްލަވައިފި ކަމަށް އެގައުމުގެ ތަފާތު މަސްދަރުތަކުން ބުނެފިއެވެ.

އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމަށް އުފެއްދި ހައި ކައުންސިލް ފޯ ނެޝަނަލް ރިކޮންސިލިއޭޝަންގައި އިސްކޮށް ހުންނަވާ އަބްދުﷲ އަބްދުﷲ ފޭސްބުކް މެދުވެރިކޮށް ވިދާޅުވި ގޮތުގައި "ކުރީގެ ރައީސް ގަނީ" ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ. އަދި އޭނާ ވަޑައިގެންނެވީ ތަޖިކިސްތާނަށް ކަމަށް އިންޓީރިއާ މިނިސްޓްރީގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓު ކުރިއެވެ.

މީގެ އިތުރުން، ތާލިބާނުން މިހާރު ވަނީ ރިޔާސީ ގަނޑުވަރުގެ ކޮންޓްރޯލް އަތުލާފައި ކަމަށް އެ ޖަމާއަތުގެ މެމްބަރުން ބުނެއެވެ. އަދި ބައެއް މެމްބަރުން ވަނީ ގަނޑުވަރުގެ އެތެރޭގެ ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ.

އަފްގާނިސްތާނުގެ 34 ޕްރޮވިންސުގެ ތެރެއިން 26 ޕްރޮވިންސެއްގެ ވެރިރަށް ތާލިބާނުން ވަނީ ފާއިތުވި ދެ ހަފްތާ ތެރޭގައި އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި މިއަދު ތާލިބާން މެމްބަރުން ވަނީ ކާބުލްއަށް އަރަން ފަށާފައެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނި ގޮތުގައި ކާބުލްގެ ފުލުސް އޮފީސްތަކާއި ސަރުކާރުގެ އިދާރާތަކުގެ ސެކިއުރިޓީން މިހާރު ވަނީ ކާބުލް ދޫކޮށް ގޮސްފައެވެ. އެހެންކަމުން އެ ސިޓީގައި ވައްކަމާއި ލޫޓުވުން ފަދަ ކުށްތަކަށް ޖާގަ ނުދިނުމަށްޓަކައި، އެފަދަ ހާދިސާތައް ހިނގާފާނެ ސަރަހައްދުތަކަށް އެ ޖަމާއަތުގެ މެމްބަރުން ދަނީ ފޮނުވަމުންނެވެ.