ކުރިއެކޭ އެއް ގޮތަށް ސަރުކާރުގެ ރަސްމީ ގަޑި ބަދަލުކުރުމަށް ކެބިނެޓުގައި މަޝްވަރާ ކޮށްފި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ވަޒީރުންގެ ނިއުސް ކޮންފަރެންސެއްގައި، އާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ކުރިއެކޭ އެއް ގޮތަށް ސަރުކާރުގެ ރަސްމީ ގަޑިއަކީ، ހެނދުނު 7:30 އިން ފެށިގެން މެންދުރު ފަހު 2:30 އަށް ކަމަށް ނިންމަން ސިވިލް ސާވިސް ކޮމިޝަނާއެކު މަޝްވަރާތައް ކުރުމަށް ކެބިނެޓުގައި މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވާ ކަމަށެވެ.

މިހާރު އޮންނަ ގޮތަށް ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލު ގެނައީ ރައީ މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. އެކަން އޭރު އިއުލާން ކޮށްދެއްވީ މިހާރުގެ ރައީސް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

މިނިސްޓަރު އަދީބު މިރޭ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ، ކުރު ވަގުތެއްގައި ރަނގަޅަށް މަސައްކަތް ކުރުމަށް ކަމަށެވެ.
"އަވަހަށް ފައްޓާފައި އަވަހަށް ނިންމުން. މާނަ އަކީ ސިވިލް ސާވަންޓުންނާ އަދި އެހެން ފަރާތްތަކަށް ވެސް ދައުލަތުގެ ހަރަދު ކުޑަކުރަން މީގައި އެހީތެރިވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ގަޑި ބަދަލު ކުރިއިރު ބުނެފައި ވަނީ ވަނީ މަސައްކަތުގެ ވަގުތު ގިނަ ކުރުން ހިދުމަތްތައް ފަހިވެގެންދާނެ ކަމަށެވެ. އަދި މެންދުރު އެއް ގަޑިއިރުގެ ހުސްވަގުތު ކޮޅަކާއެކު އަންހެނުންނަށާއި ވަޒީފާ އަދާ ކުރާ މަންމައިންނަށް ހާއްސަ ފަސޭހަތަކެއް ދިނުމަށެވެ. ރަސްމީ ގަޑިއަށް އޭރު ގެނައި ބަދަލާ ގުޅިގެން އިތުރު ވަޒީފާތަކަށް ނުދެވޭތީ ވަރަށް ގިނަ ބަޔަކު ޝަކުވާތައް ކުރި އެވެ.