15 Aug 2021, 23:52
ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށާއި މިހާރުވެސް ހަތަރު ހާސް މެމްބަރުންނާ ގާތް ކޮށްފި ކަމަށް އެ ޕާޓީގެ ފައުންޑިން މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ކާނަލް ނާޒިމާއިއެކު އެމްއެންޕީ އުފެއްދުމުގެ މަސައްކަތުގައި މުހިއްމު ބައިވެރިއެއް ކަމުގައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރުކަންވެސް ކުރެއްވި ތިމަރަފުށި ދާއިރާގެ މެމްބަރު ރިޔާޒު "ސަން"އަށް ވިދާޅުވީ ޕާޓީއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން ޒުވާނުންނާއި އަންހެން ކަނބަލުންނާއި އަދި ސިޔާސީ ބޭފުންގެ އިތުރުން ތައުލީމީ ދާއިރާގެ އިސް ބައެއް ފަރާތްތަކުންވެސް ޕާޓީ އާ ގުޅެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އުޅެނީ 3000 ޕްލަސްގަ. ކްލޯޒް ޓު 4000 ގަ އުޅެނީ. މިހާރުވެސް 20،000 މީހުން ވަނީ މިހާތަނަށް ފޯމް ގެންގޮސްފަ. އަޅުގަނޑުމެންގެ އަމާޒަކީ 5،000 މެމްބަރުގެ ސޮޔާ އެކު އިލެކްޝަނަށް ހުށަހެޅުން. އެހެންވީމަ އެކަމަށް ފޯކަސް މި ކުރަނީ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އެ ޕާޓީ ބައްޓަން ކުރާނީ ސިޔާސީ ދާއިރާއިން ގައުމަށް ޚިދުމަތް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ލިބޭނެ ގޮތަށް ކަމަށެވެ.
"މި ޕާޓީ އަކީ ސިޔާސީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ބޭފުޅުންނަށް އޮތް ރަނުގެ ފުރުސަތަކަށް ހަދާނަން. މި ޕާޓީގަ އެންމެނަށްވެސް ހަމަހަމަ ފުރުސަތު އޮންނާނެ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕާޓީއަކީ ވަކި މީހެއްގެ ފަހަތުން އެނބުރޭނެ ޕާޓީއަކަށް ނުވާނެ ކަމަށާއި އޭގެ ބަދަލުގައި އެމްއެންޕީ ވެގެންދާނީ ސިޔާސީ ލީޑަރުން އުފައްދާ ޕާޓީ އަކަށް ކަމަށެވެ.
"މި ޕާޓީގެ ރައީސްގެ ގޮތުގަ ހުންނަ މީހަކަށް ހުރެވޭނީ ދެ ދައުރު. ދެން އެއަށް ފަހު ފަހަތުން އަންނަ މީހުންނަށް އެ ފުރުސަތު ލިބިގެންދާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ ނޭޝަން ފަސްޓް،" ރިޔާޒް ވިދާޅުވިއެވެ.
އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.
އުޝާމާއި ކާނަލް ނާޒިމްގެ އިތުރުން މިހާތަނަށް އެ ޕާޓީއާ ގުޅިވަޑައިގެންފައިވަނީ އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންފައިވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.