15 Aug 2021, 22:34
ރާއްޖެއިން އެއް ދުވަސް ތެރޭ ކޮވިޑް-19 އަށް ޕޮޒިިވްވި މީހުންގެ އަދަދު އަނެއްކާވެސް 100އަށް ވުރެ އިތުރުވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00އާ ހަމައަށް ނެގި 5،151 ސާމްޕަލުން 137 މީހަކު ޕޮޒިޓިވްވިއެވެ.
އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 92 މީހުންގެ އިތުރުން ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހުންނެވެ.
ރާއްޖެއިން އިއްޔެ ރިޕޯޓު ކުރީ ކޮވިޑްގެ 74 ކޭސްއެވެ. އެއީ 12 ދުވަހަށް ފަހު، އާ ކޮވިޑް ކޭސްތައް 100އިން ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 79،137އަށް ވަނީ އަރާފައެވެ.
މިވަގުތު ބަލި ޖެހިފައިތިބި 1،626 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 20 މީހުންނަށެވެ.
މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 77،277އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.
މިއަދާ ހަމައަށް ރާއްޖެއިން ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 343،901 މީހުންނެވެ. އަދި ދެ ޑޯޒު ފުރިހަމަކުރީ 295،039 މީހުންނެވެ.