15 Aug 2021, 23:27
ކްލަބް އީގަލްސް 1-0 ބަލިކޮށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕުގެ ފަހު ޖާގަ އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީއިން ހޯދައިފިއެވެ.
ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ކުރި ހޯދިފައި ނުވާ ބެންގަލޫރު މެޗަށް ނިކުތީ ބޮޑެތި ހަރަދުތަކެއްކޮށް ގިނަ ކުޅުންތެރިންތަކެއް ސޮއި ހޯދައި ވަރުގަދަ ޓީމަކާއެކުއެވެ.
ބުދަ ދުވަހު ފަށާ ގްރޫޕް ސްޓޭޖަށް ކޮލިފައި ވެފައި ވަނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓް އާ އިންޑިއާގެ މޮހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރަ ކިންގްއެވެ.
ބެންގަލޫރު ޓީމުން ނެރެފައިވަނީ ވަރުގަދަ ފުރަތަމަ 11 އެކެވެ. ބެންގަލޫރު ގޯލްކީޕަރަކަށް ނިކުތީ އިންޑިއާގެ އެއްވަނަ ކީޕަރު ގުޕްރީތު ސިންގް ސަންދޫއެވެ.
ޑިފެންސް ލައިން ބަލެހެއްޓީ ބްރެޒިލްގެ އަލަން ކޯސްޓާ އާ ގަބޯން ޑިފެންޑަރު މުސާވޫ ކިންގްއެވެ. ޑިފެންސުގެ އަރިމަތިން ކުޅުނީ ގޮލުއީ ސަރްތާކް އަދި މުހައްމަދު އަޝީގްއެވެ.
ބެންގަލޫރުގެ މެދުތެރެއިން ކުޅުނީ ރޯހިތު ކުމާރު، ސުރޭޝް ސިންގް އަދި ޖަޔެޝް ރޭންއެވެ. އަރިމަތިން ކުރިއަށް ކުޅުނީ އުދާންތާ ސިންގު އަދި ބްރެޒިލް ކުޅުންތެރިއާ ކްލެއިޓަންއެވެ. ބެންގަލޫރުގެ ސެންޓަ ފޯވާޑްއަކަށް ކުޅުނީ ކެޕްޓަން ސުނިލް ޗެތުރީއެވެ.
އަނިޔާގެ ސަބަބުން ކްލަބް އީގަލްސްގެ ފުރަތަމަ 11 ގައި އަލީ އަޝްފާގް (ދަގަނޑޭ) ނުހިމަނައެވެ. އީގަލްސް ޓީމުގެ ކީޕަރަކަށް ކުޅުނީ ގައުމީ ޓީމުގެ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްއެވެ.
ޑިފެންސްގެ ކަނާތު ފަޅިން ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ކުޅުނުއިރު ވާތު ފަޅިން ކުޅުނީ ހައިޝަމް ހަސަންއެވެ. ޑިފެންސް ލައިނުގެ މެދުން ކުޅުނީ އަކްރަމް އަބްދުލް ގަނީ އަދި އަހްމަދު ނޫމާން (ހެލްމެޓް)އެވެ.
މެދުތެރެއިން ކުޅުނީ އަޝްހަދު އަލީ(އަޑުބަރޭ) އަދި މުހައްމަދު އާރިފް (ބަކާ)އެވެ. އަރިމަތިން ކުރިއަށް ކުޅުނީ ރާއިފް ހަސަން (ހަންނަ) އާ މުހައްމަދު ނާއިންއެވެ.
އީގަލްސްގެ އެޓޭކިން މިޑްފިލްޑަރަކަށް ކުޅުނީ އިސްމާއިލް އީސަ (މެސީ)އެވެ. ފޯވާޑަށް ކުޅުނީ އަލީ ފާސިރު (ސެންޓޭ)އެވެ.
މެޗުގެ ހަތަރު ވަނަ މިނިޓުގައި އީގަލްސް ޑިފެންޑަރު އަކްރަމްގެ އަތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުނުކަމަށް ބްނެގަލޫރު ކުޅުންތެރިން އެޕީލް ކުރިއެވެ. ނަމަވެސް ރެފްރީ ވަނީ ކުޅުން ކުރިއަށް ގެންދިއުމަށް އިޝާރާތްކޮށްފައެވެ.
މެޗުގެ 10 ވަނަ މިނިޓުގައި ބެންގަލޫރަށް ހުސް ފުރުސަތެއް ލިބުނެވެ. ކޯނަރަކުން ލިބުނު ބޯޅަ އެޓީމުގެ ޑިފެންޑަރު މުސާވޫ ކިންގް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އީގަލްސް ކީޕަރު ފައިސަލް އަތަށެވެ.

ކެޕްޝަން - ބެންގަލޫރު އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން އުދާންތާ ސިންގު އަދި މުހައްމަދު ނާއިމް--- ސަން ފޮޓޯ: ފަޔާޒު މޫސާ
މެޗުގެ 13 ވަނަ މިނިޓުގައި އީގަލްސްގެ އިސްމާއިލް އީސައަށް ބެންގަލޫރު އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އެބޯޅަ ފޮނުވާލުމުގެ ކުރިން ބެންގަލޫރުގެ ޑިފެންޑަރަކު ވަނީ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ.
މެޗުގެ 15 ވަނަ މިނިޓުގައި އީގަލްސްއަށް އިތުރު ފުރުސަތެއް ލިބުނެވެ. އަލީ ފާސިރު ހުސްކޮށްލާފައި ދިން ބޯޅަ އީސަ ވަނީ ހިފައިގެން ވަދެ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ނަމަވެސް އީސައަށް ބޯޅަ ލިބުނު އިރު އޭނާ ހުރީ އޮފްސައިޑުގައެވެ.
24 ވަނަ މިނިޓުގައި ބެންގަލޫރުއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އުދާންތާ ހުސްކޮށްލާފައި ދިން ބޯޅަ އަކުން ކްލެއިޓަން ބޯޅަ ފޮނުވާލީ ސީދާ ފައިސަލް އާ ދިމާލަށެވެ.
މެޗގެ 25 ވަނަ މިނިޓުގައި ބެންގަލޫރުއިން ގޯލު ޖަހައި ކުރި ހޯދިއެވެ. އަރިމަތިން އެއްލި ބޯޅައަކުން އީގަލްސްގެ އޭރިއާ ބޭރަށް ފެނު ޖެހުނު ބޯޅަ ޖޭސް ރޭން ވަނީ ތިރި ތިރިން ގޯލުގެ ނިއަ ޕޯސްޓް ކަނަށް އަމާޒުކޮށްލާފައެވެ.
35 ވަނަ މިނިޓުގައި އޭރިއާ އަރިމަތިން އީސަ ބެންގަލޫރު ގޯލު ކުރިމައްޗަށް ރަނގަޅު ބޯޅައެއް ހުރަސްކޮށްލިއެވެ. ނަމަވެސް އެބޯޅަ ގޯލުގެ ތެރެއަށް ވައްދާލާނެ ކުޅުންތެރިއެއް އޭރިއާ ތެރޭގައި ނެތެވެ.
މެޗުގެ 43 ވަނަ މިނިޓުގައި އީގަލްސްއިން ނެގި ކޯނަރެއް ބެންގަލޫރު ކުޅުންތެރިއެއް ފައިގައި ޖެހިފައި ބައިކޮޅައް ނުވަނީ ކިރިއާއެވެ. ބެންގަލޫރު ކުޅުންތެރިއާ ފައިގައި ޖެހިފައި ގޯލަށް ވަންނަން ދިއަ ބޯޅަ ސަލާމަތްވީ ބެންގަލޫރު ކީޕަރު ގުޕްރީތު އަތުގައި ޖެހިފައެވެ.
މެޗުގެ 66 ވަނަ މިނިޓުގައި އަލީ ފާސިރު ރަނުގެ ފުރުސަތެއް ބޭކާރުކޮށްލައިފިއެވެ. ރާއިފް ހަސަން ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން ވަދެ ބެންގަލޫރު އޭރިއާ ތެރެއިން ދެކުޅުންތެރިން ކާރިން ނައްޓާލުމަށްފަހު ފާސިރު ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
މެޗުގެ 68 ވަނަ މިނިޓުގައި އީގަލްސްގެ ކޯޗު ޝަޒް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޒައިން ޒަފަރު ކުޅެން އަރުވާފައެވެ. މިއީ 18 އަހަރުގެ ޒުވާން ފޯވާޑް އޭއެފްސީ ކަޕުގައި ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ 83 ވަނަ މިނިޓުގައި ބެންގަލޫރު ކުޅުންތެރިއެއް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި އީގަލްސް ކީޕަރު ފައިސަލް އަތުން ވެއްޓުނު ބޯޅަ ލިބުނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލިއޯން އޮގަސްޓިންއަށެވެ. އޭނާ ހުސް ގޯލަކަށް ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.