މިދިޔަ މަހު 14 އިން ފެށިގެން މި މަހު އަށެއްގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތައް މިނިވަންކަމާ އެކު ބަލައި ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާތީ، އެކަން ކުރުމަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ މަތިން "ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ"އެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު އުފައްދަވައިފި އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެ ކޮމިޝަނަށް މިއަދު މެންބަރުން ވެސް ޢައްޔަން ކުރައްވާފަ އެވެ. ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ އިސް ބޭފުޅެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އިސްމާޢީލް ޝަފީޢު އެވެ.

އެ މަނިކުފާނުގެ އިތުރުން، އެ ކޮމިޝަނުގައި ދެން ހިމެނި ވަޑައިގަންވަނީ ފުރަތަމަ ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސް އަދި ސަރުކާރުގެ ރޯޑް މެޕްގެ ވިލަރެސް ވެރިޔާ ބޮޑުފެންވަޅުގޭ އަޙްމަދު މުޖުތަބާ އާއި ޑރ. އިބްރާހީމް ޔާސިރު އަޙްމަދެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ނެރުއްވި ޤަރާރުގައި، ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ މަސައްކަތްތައް ބައްލަވައި އެކަންކަން ހިނގަނީ ޤާނޫނާ އެއްގޮތަށްތޯ ކަށަވަރުކޮށްދެއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށެވެ.

އަދި 14 ޖަނަވަރީ 2012 އިން ފެށިގެން 8 ފެބްރުއަރީ 2012 ގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތައް ހިނގާފައިވާ ގޮތް އެ ކޮމިޝަނުން ހޯދައި ބެއްލެވުމަށް ފަހު، އެކަން ހިނގާފައިވާ ގޮތުގެ ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ އަށާއި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި އެޓާނީ ޖެނެރަލަށް ހުށަހެޅުއްވުމަށް މި ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.