ކަސްޓަމްސްގެ ސާވާތަކުގައި ހުރި ޑާޓާތައް ޑިލިޓްވެއްޖެ ކަމަށް ބުނެ މީޑީއާގައި ފެތުރެމުންދާ ވާހަކައަކީ ދޮގު ވާހަކައެއްކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ސެކްޝަން ހެޑް ފާތިމަތު ޝިފާޒާ ވިދާޅުވީ ކަސްޓަމްސްގެ ޑާޓާތައް ޑިލީޓްވި ކަމަށް ބުނެ ދެކެވެނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ކަސްޓަމްސް އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ވާގޮތުން ދިމާވި މައްސަލައަކީ ކަސްޓަމްސްއިން ބޭނުންކުރާ ވާޗުއަލް މެޝިންއެއް ކްރޭޝްވީއެވެ. ކްރޭޝްވާން މެދުވެރިވި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި އެ ވާޗުއަލް މެޝިން މިހާރު ވަނީ ރިކަވާ ކުރެވިފައެވެ. ނަމަވެސް ބައެއް ލޯކަަލް ފައިލްތައް ގެއްލިފައިވާކަމަށްވެސް އެ ޓްވީޓްގައިވެއެވެ. ގެއްލިފައިވާ ލޯކަލް ފައިލްތައް އަނބުރާ ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަންވެސް ކަސްޓަމްސްއިން ވަނީ އެ ޓްވީޓްގައި ހާމަ ކޮށްފައެވެ.

މީގެ އިތުރުން މިކަމުގެ ސަބަބުން ކަސްޓަމްސްގެ އެއްވެސް މުހިންމު ޑޭޓާއެއް ނުވަތަ އެޕްލިކޭޝަންގެ ސާވާއަކަށް އެއްވެސް ކަހަލަ ބުރުއެރުމެއް ނާރާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ދޭ ހުރިހާ ހިދުމަތެއް ހުއްޓުމެއްނެތި ކުރިޔަށްދާނެކަމަށް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.