ތާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފުމަށް ވަރަށް ބޮޑަށް ގާތްވެއްޖެކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ތާލިބާނުން މިހާރުވަނީ އަފްޣާނިސްތާނުގެ ވެރި ރަށަށް ހުރިހާ ކޮޅަކުން އަރައިފައެވެ.

އެގޮތުން ސިޓީގެ މަތިން ހެލިކޮޕްޓަރުތަކުގެ އަޑު އިވޭ ކަމަށާއި އެ ރަށް ތެރެއިން ބަރުގޮނުގެ އަޑާއި ބަޑީގެ އަޑު އިރު ކޮޅުކޮޅާ އިވޭކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ތާލިބާނުގެ ސިފައިން ކާބުލްއަށް އަރާފައިވާއިރު އެޖަމާއަތުން ވަނީ ކާބުލް ސިޓީ ގަދަކަމުން އެމީހުންގެ ބާރުގެ ދަށަށް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ.

ކާބުލްގެ ސަރުކާރު މުވައްޒަފުން އޮފީސްތައް ދޫކޮށް ގޮސްފައިވާއިރު އެ ސިޓީގެ ގިނަ ރައްޔިތުންވެސް ވަނީ ހިމާޔަތް ހޯދަން ޕާކު ފަދަ ތަންތަނަށް ގޮސްފައެވެ.

އަފްޣާނުގެ ތިން އޮފިޝަލުކު ވަނީ ކަލަކަން، ކަރާބާކް އަދި ޕަޣަމް ސަރަހައްދުން ތަލިބާނުގެ ސިފައިން ފެނިފައިވާ ކަމަށް އެސޮސިއޭޓެޑް ޕްރެސް އަށް މިއަދު މައުލޫމާތު ދީފައެވެ.

ތާލިބާން ޖަމާއަތުގެ ލީޑަރަކު ވަނީ ކާބުލް ސިޓީ ދޫކޮށް ދާން ބެނުން މީހުންނަށް އެ ފުރުސަތު ދޭނެކަމަށް ބުނެފައެވެ. އަދި އެ ސިޓީގައި ދިރިއުޅޭ އަންހެނުންނަށްވެސް ރައްކާތެރި ހިސާބުތަކަށް ދާން އަންގާނެކަމަށް އޭނާ ބުންޏެވެ.