ޤައުމުގެ މާލީ ޙާލަތާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައި މާލީ ޙާލަތާ ގުޅޭ ބައެއް މައުލޫމާތު ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މާލީ ހާލަތާ ގުޅޭ މައުލޫމާތު އާންމުންނާ ހިއްސާ ކުރުމަށް ނިންމީ، ފިނޭންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު އަޙްމަދު މުޙަންމަދު، ޤައުމުގެ މާލީ ޙާލަތާ ގުޅޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުއްވި ޕްރެޒެންޓޭޝަންގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓް ތަންފީޒު ކުރުމުގައި ހުރި ދަތިތަކާއި، މުހިންމު އިޤްތިޞާދީ މިންގަނޑުތަކާ ބެހޭ މަޢްލޫމާތު، ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް އެނގުމަކީ ވަރަށް މުހިންމު ކަމެއްކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، ވަޒީރުންގެ މަޖިލީހުގެ ތިން ބޭފުޅަކު، ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރި ކުރައްވައި މިމަޢްލޫމާތުތައް މިރޭ ދެއްވުމަށް ވެސް ނިންމެވި އެވެ.

މިއަދުގެ ޖަލްސާގައި، ޤައުމުގެ މާލީ ޙާލަތު ރަނގަޅު ކުރެއްވުމަށް މިހާރުން މިހާރަށް އެޅުއްވެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މެންބަރުން މަޝްވަރާ ކުރެއްވި އެވެ. މީގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުގެ އޮނިގަނޑަށް ގެންނަވަން ޖެހޭ ބައެއް ބަދަލުތައް ހުރުމާ އެކު، އެބަދަލުތަކާ ބެހޭ ގޮތުން ވެސް މެންބަރުން މަޝްވަރާ ކުރެއްވި އެވެ.