19:00


އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ބުނެ ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލައާ ގުޅިގެން އޭސީސީގެ ރައީސް މުހައްމަދު ޝަފީޢާ ފުލުހުން ސުވާލުކޮށް ބަޔާނެއްގައި ނަގައިފި އެވެ.


ޝަފީއު މިއަދު ވިދާޅުވީ އެ ކޮމިޝަނަށް ބަޔަކު ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހުން ބަޔާނެއް ނަގާފައިވާ ކަމަށާއި އަދި އެ މައްސަލައާ ބެހޭ ތަފްސީލް މިވަގުތު ދެވެން ނެތް ކަމަށެވެ. ޝާފިއު ވިދާޅުވީ އެ ބަޔާނަކީ ފުލުހުންނަށް ދިން ބަޔާނަކަށް ވާތީ އެކަމާ ގުޅިގެން އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި މިހާތަނަށް ހާޒިރުކޮށް ސުވާލުކުރީ ކޮން ބައެއް ކަމެއް ވިދާޅުވެވެން ނެތް ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.


މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރަޢީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ ކޯޓު އަމުރެއްގެ ދަށުން ގޭ ބަންދުކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ހއ.ހޯރަފުށީ ކަތީބު އެ މައްސަލައިގެ ތަހްގީގަށް ހައްޔަރުކުރި ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ. އެހެން ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.