ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ހިޔާނާތުގެ ތުހުމަތުގައި، މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ލަސްކުރާ ކަމަށް ބުނެ މަހްލޫފު ދެއްކި ވާހަކަތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ދޮގުކޮށްފިއެވެ.

އެ މައްސަލަ ވަކި ގޮތަކަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު މަސައްކަތްކުރާ ކަމަށް މަހްލޫފު ވަނީ ތުހުމަތުކުރައްވާފައެވެ. އެގޮތުން އެ މައްސަލަ ލަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށްވެސް ޕްރެޝަރުކޮށްފައިވާ ކަމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ. އަދި މައްސަލައިގެ ހެކި ހޯދާފައިވަނީ ނުބައިކޮށް ކަަމަށާއި، މައްސަލަ ސާބިތުކުރެވޭ ވަރުގެ ހެކި ޝަރީއަތަށް ހުށަ ނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ސްޕޯކްސްޕާސަން އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ބައެއް ބޮޑެތި މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުހަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަހުގީގު އިދާރާތަކާއެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާ ކަމަށެވެ.

"މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދިމާވީ އެހެން. މިއީ މަހުލޫފްއާ މެދު ތަފާތު ގޮތަކަށް ޢަމަލުކުރަނީއެއް ނޫން،" ޝަފީއު ވިދާޅުވިއެވެ.

އެ މައްސަލައިގަ ތުހުމަތުކުރެވޭ ފަރާތުން ޕީޖީ އޮފީހަށް ނިސްބަތްކޮށް ކުރައްވާ ތުހުމަތުތަކަކީ އަމިއްލަ ހައިސިއްޔަތުން އެބޭފުޅާ ދެކެވަޑައިގަންނަވާގޮތްކަމަށް ވެދާނެކަމަށާއި އެއީ ރަނގަޅު ވާހަކަތަކެއް ނޫންކަމަށް ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ މައްސަލަތަކުގައި ދައުވާ ކުރުމާމެދު ޕީޖީ އޮފީހުން ނިންމާ ނިންމުންތަކަކީ ހެތްކާއި ގަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއްކަމަށާއި މައްސަލަތަކުގައި ތަހުގީގު އިދާރާތަކުން ހޯދުންތަކަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެތްކާއި ގަރީނާކަން ޕީޖީ އޮފީހުން ކަށަވަރުކުރާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގާނޫނާ ހިލާފަށް އެއްވެސް މީހަކާމެދު އަމަލު ނުކުރާނެކަމުގެ ކަށަވަރުކަން އަރުވަން،" ޝަފީއު ވިދާޅުވިއެވެ. ޝަފީއު އިތުރަށް ވިދާޅުވީ މަހްލޫފުގެ މައްސަލައިގައިވެސް ގާނޫނާ ހިލާފަށް ކަމެއް ހިނގާފައި ނުވާކަން ކަށަވަރު ކުރާނެ ކަމަށެވެ.

މަހުލޫފުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވުމާއެކު އޭނާ ވަނީ ޔޫތް މިނިސްޓަރު ކަމުގެ މަގާމުން ސަސްޕެންޑުކޮށްފައެެވެ. މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އޭސީސީއިން ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް މަހުލޫފު ވަނީ އޭނާ އެ ބިލަށް ވޯޓު ދެއްވީ އޭރު އޭނާ ހުންނެވި ޕީޕީއެމްގެ ތްރީ ލައިން ވިޕާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ފައިސާ ބަދަލު ކުރުމުގެ މުއާމަލާތެއްކަމަށް ބުނެ، އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވީ ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ބުންޏެވެ.