15 Aug 2021, 12:35
މާލެ ސިޓީގެ ޕާކިން މައްސަލަ ހައްލުކުރަން ސަރުކާރުން އެއްވެސް އެއްބާރުލުމެއް ނުދޭކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހެންވޭރުގެ ރައްޔިތުންނާއެއްކޮށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޕާކިން ގެ މައްސަލައަށް ހައްލު ހޯދަން ކައުންސިލުން ބޭނުންވާ މައުލޫމާތު ހޯދަން އެތައް ފަހަރެއްގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާކަމަށެވެ.
"މާލެއަށް ވެހިކަލްތައް އެތެރެވާ ވަރަކަށް އެތެރެވަނީ. ލިމިޓެއް ނެތް. ކައުންސިލް ގެ ޒިންމާއެއްގެ ގޮތަށް ގާނޫނުގައި މިކަން ކަނޑައަޅާފައި އެބައޮތް ވަރަށް ފަހުން. އެހެންނަމަވެސް އެކަން ކުރުމުގެ ފުރުސަތެއް ސަރުކާރަކުން ނުދޭ،"
"އަޅުގަނޑުމެން އެދުނިން ޓްރާންސްޕޯޓް މިނިސްޓްރީގައި، މިހާރު މާލޭގައި ދުއްވަނީ ކިތައް ވެހިކަލްތޯއާއި، އެތެރެކުރީ ކިތައް ވެހިކަލްތޯއާއި، ވެހިކަލްގެ ބާވަތްތަކާއި، އެ ތަފްސީލް ހިއްސާކުރަން. އޭރުން ކަނޑައެޅޭނީ މާލޭގެ ވެހިކަލް ލިމިޓް. އެއްވެސް އެއްޗެއް ނޭނގި ތިބެ ކިހިނެތްތޯ އަޅުގަނޑުމެން އެކަން ކުރާނީ،" މުއިއްޒު ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކިން އޭރިއާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ފަހަރަކުވެސް މިނިސްޓްރީން މައުލޫމާތު ދޭނެ ކަމަށް ބުނަމުން އަންނަކަމަށެވެ. ނަމަވެސް އަދިވެސް މައުލޫމާތު ހިއްސާކޮށްފައިނުވާކަމަށެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހިދާޔާ ނަސީރު "ސަން" އަށް ވިދާޅުވީ އެ މިނިސްޓްރީން އެއްބާރުލުން އެއްވެސް މިންވަރަކަށް ނުދޭކަމަށް ދެންނެވުމަކީ މުޅިން ތެދު ވާހަކައެއް ނޫންކަމަށެވެ.
"މިކޮޅުން އެއްބާރުލުން ދޭނެ އިނގޭތޯ. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން ވެހިކަލްގެ އޭޖް ލިމިޓް ކަނޑައަޅަން ޕޭޕަރެއްވެސް ފޮނުވާފައިވާނީ. ކެބިނެޓް ލެވެލްގައި އެކަން އޮތީ. އެޔަށްފަހު ކައުންސިލަށް އެކަމުގެ އަޕްޑޭޓެއް ދެވޭނީ،" ހިދާޔާ ވިދާޅުވިއެވެ.
ހިދާޔާ އިތުރަށް ވިދާޅުވީ ކައުންސިލާއެއްކޮށް އޮންލައިންކޮށް އެއްފަހަރު ބައްދަލުވުމެއް ކުރިޔަށް ގެންދެވުނުކަމަށެވެ. އަދި އެ ދުވަހު އެކަންކަމާ މެދު މަޝްވަރާ ކުރެވުނުކަމަށެވެ.
"އެއްވެސް ވަރަކަށް އެއްބާރުލުން ނުދެޔެކޭ ނުދެންނެވޭނެ،" ހިދާޔާ ވިދާޅުވިއެވެ.