15 Aug 2021, 14:49
އިނގިރޭސިން އިންޑިއާއަށް އަތްގަދަ ކުރަން ފެށިތާ 300 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަހު އެގައުމު މިނިވަން ކުރަން އިނގިރޭސިވިލާތުން ގާނޫނެއް ފާސް ކުރީ ފަހެއް ޖުލައި 1947ގައެވެ. އެ ގާނޫނުގައި ވަނީ އިންޑިއާ އާއި ޕާކިސްތާން ވަކިވެ، މިނިވަން ވާނީ އެ އަހަރުގެ އޮގަސްޓު 15އިގައި ކަމަށެވެ. ވީމާ އިންޑިއާއިން އެ ތާރީހުގައި މިނިވަން ދުވަސް ފާހަގަ ކުރާ އިރު ޕާކިސްތާނުން އޭގެ އެއް ދުވަސް ކުރިން މިނިވަންކަން ފާހަގަ ކުރާ ސަބަބަކީ ކޮބައިބާ؟
އިންޑިއާއިން އޮގަސްޓު 15ގައި މިނިވަން ދުވަސް ފާހަގަ ކުރާ އިރު ޕާކިސްތާނުން މިނިވަންކަން ފާހަގަ ކުރާ ދުވަސް ތަފާތުވާ ސަބަބާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވިފައިވެއެވެ. އޭގެ ތެރޭގައި:
1. އިނގިރޭސި ރަސްކަން ތަމްސީލު ކުރެއްވުމަށް އިންޑިއާއަށް އައްޔަން ކުރި އެންމެ ފަހު ވައިސްރޯއި، ލޯޑް މައުންޓްބެޓެން، ޕާކިސްތާނު ހިންގުމުގެ ބާރު އެގައުމުގެ ބާނީ މުހައްމަދު އަލީ ޖިނާހުއާ ހަވާލު ކުރެއްވީ އޮގަސްޓު 14 ގައެވެ. އެހެންކަމުން އެއީ އެގައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ކަނޑައަޅަން ނިންމީ ކަމަށް ބެލެވެއެވެ.
2. ޕާކިސްތާނުގެ މިނިވަން ދުވަސް އިންޑިއާއަށް ވުރެ އަވަހަށް ފާހަގަ ކުރަން ޕާކިސްތާނުގެ ފުރަތަމަ ބޮޑުވަޒީރު ލިއާގަތު އަލީ ޚާންގެ ކެބިނެޓުން ޖޫން 1948ގައި ހުށަހެޅީ ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ. އަދި އެކަމަށް އޭރުގެ ގަވަރުނަރު ޖެނެރަލް ކަމަށްވާ ޖިނާހު ހުއްދަ ދެއްވުމުން އޮގަސްޓު 14 އަކީ މިނިވަން ދުވަސްކަމަށް އެގައުމުން ނިންމީއެވެ.
3. އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޕާކިސްތާނުގެ މިނިވަން ދުވަހަކީ އޮގަސްޓު 14، 1947 ކަމަށް ނިންމުމުގެ ފަހަތުގައި ދީނީ ސަބަބެއްވެސް އޮވެދާނެއެވެ. އެއީ އެ ދުވަސް އެ އަހަރުގެ ރޯދަ މަހުގެ 27 ވަނަ ދުވަހާ ދިމާވުމުން، އެފަދަ މާތް ދުވަހަކާ މިނިވަން ދުވަސް ގުޅުވާލީއެވެ.
4. މީގެ އިތުރުން، އިންޑިއާ އާއި ޕާކިސްތާނުގެ މިނިވަން ދުވަސް ތަފާތު ވެފައި ވަނީ ބަޔަކު އެފަދައިން ނިންމި ނިންމުމެއްގެ ބަދަލުގައި، ދެ ގައުމުގެ ގަޑީގެ ތަފާތުން ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ލަފާ ކުރެއެވެ.
އެގޮތުން އިންޑިއަން ސްޓޭންޑާޑް ޓައިމް (އައިއެސްޓީ)، ޕާކިސްތާން ސްޓޭންޑާޑް ޓައިމް (ޕީއެސްޓީ)އަށް ވުރެ 30 މިނިޓު އަވަހެވެ. އެހެންކަމުން އޮގަސްޓު 15 ވިލޭރޭ 00:00ވީ އިރު އިންޑިއާ މިނިވަންވެ، ޕާކިސްތާނާ ވަކިވުމުން އެ ގަޑީގައި އެގައުމުވެސް މިނިވަންވީ ކަމަށް ބެލީ ކަމަށް ވެދާނެއެވެ. އަދި އޭރު ޕާކިސްތާނުން ގުނަމުން ދިޔައީ 14 ވަނަ ދުވަހުގެ ފަހު ވަގުތުތައް ކަމުން، އެގައުމުން އެ ދުވަހަކީ މިނިވަން ދުވަސް ކަމަށް ބަލައިގަތީއެވެ.
ކޮންމެ ގޮތަކަށްވިޔަސް، މިއަދަކީ އިންޑިއާގެ 75 ވަނަ މިނިވަން ދުވަހެވެ. އެގައުމުގައި ދަނީ މި ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. ޕާކިސްތާނުންވެސް ވަނީ އިއްޔެ އެގައުމުގެ މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އެއް އިރެއްގައި އެއް ގައުމެއްގެ ގޮތުގައި އޮތް މި ދެ ގައުމުގެ މިނިވަން ދުވަސް ތަފާތުވާންވީ ސަބަބު ތާރީހު ދިރާސާކުރާ ފަރާތްތަކުންވެސް ޖަވާބުނުދެވި އޮތް ސުވާލެއްގެ ގޮތުގައި ވަނީ ބައްވާފައެވެ.