ނ. މާފަރު ކައުންސިލްގެ ގޮނޑި އެމްޑީޕީ ޓިކެޓްގައި ކާމިޔާބު ކުރި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަންވަރު އަބްދުލް ޣަނީ ޕާޓީން ވަކިކުރުމަށް ނިންމައިފި އެވެ.

އެމްޑީޕީ އިން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެއްސްގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ މާފަރު ކައުންސިލްގައި އެމްޑީޕީ ތަމްސީލު ކުރައްވާ އަދި އެ ކައުންސިލްގެ ރައީސް އަންވަރު އެމްޑިޕީން ވަކިކުރުމަށް ނިންމީ މެންބަރުންނާ މެދު ފިޔަވަޅު އަޅާ ކޮމެޓީން ބެލުމަށް ފަހު ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިގެން ކަމަށް އެ ޕާޓީން ބުންޏެވެ.

"އޭނާ ކުރަމުންދާ ކަންތައްތަކަކީ ވަރަށް ގިނަ ކަންތައްތަކެއް، ޕާޓީގެ ރޫހާ ހިލާފަށް. އޭގެ ތެރޭގައި ޕާޓީގެ ފަރާތުން ފޮނުވާ ސިޓީތަކަށް ޖަވާބު ދާރީ ނުވުމާއި ޕާޓީގެ ލައިނާ ހިލާފަށް ކައުންސިލްގައި ވޯޓު ދެއްވަމުން ގެންދިއުމާއި. އަދި އިދިކޮޅު ފަރާތްތަކަށް ކެމްޕޭން ކޮށްދެމުން ގެންދިއުމާއި މިކަހަލަ ވަރަށް ގިނަ މައްސަލަތައް ހުށަހެޅި އެ މައްސަލަތައް ސާބިތުވާ މިންވަރަށް އަޅުގަނޑުމެނަށް ހެކި ލިބިފައި ވަނީ." އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަތައް ހައްލުކުރުމަށް އަންވަރާ ވާހަކަ ދައްކައިގެން މަސައްކަތްކޮށްގެން ވެސް ހައްލުވެފައި ނުވާ ކަމަށެވެ. އަދި އެނާ ވަކިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މާދަމާ އަންގާނެ ކަމަށް އިންތި ވިދާޅުވި އެވެ.

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު އަބްދުލް ގަނީގެ ކޮއްކޮ އަދި އަކުރަމް އަބްދުލް ގަނީގެ ބޭބެ، އަންވަރު އެމްޑީޕީން ވަކި ކުރުމުން އޭނާގެ ކައުންސިލްގެ ގޮނޑި ވެސް ގެއްލޭނެ އެވެ.

މާފަރު ކައުންސިލްގެ ޑީއާރުޕީ މެންބަރެއްގެ މައްޗަށް ވައްކަމުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައި ވާތީ އޭނާ ކައުންސިލް މެންބަރު ކަމުން ވަކި ވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން މާފަރު ކައުންސިލްގެ ބައި އިލެކްޝަނެއް އަންނަ މަހު 17 ބޭއްވުމަށް ވަނީ އިއުލާންކޮށްފަ އެވެ.

މިހާރު އެ ކައުންސިލްގައި ތިއްބެވީ ޑީއާރުޕީ ކައުންސިލް މެންބަރަކާއި އެމްޑިޕީގެ ތިން މެންބަރެކެވެ.