ހިޔާ ފުލެޓުތަކުގެ ފުރަތަމަ ބުރުގެ ސޮއިކުރުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހައުސިން ޑެވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ ފުލެޓުތައް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓުގައި ސޮއިކުރަންފެށީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އިއްޔެގެ ނިޔަލަށް 3،200 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ.

"މިހާރު ޓާގެޓު ކުރެވިފައި އޮތް ގޮތުން ވެއްޖިއްޔާ 18 ވަނަ ދުވަހާ ހަމަޔަށް އަޅުގަނޑުމެން ފުރަތަމަ ބުރުގެ ސޮއިކުރުން ނިންމާލެވޭނެ،" ސުހައިލް ވިދާޅުވިއެވެ.

ނަމަވެސް މިހާތަނަށް މައުލޫމާތު ފޯމު ފުރާފަ ނުފޮނުވާ ހާހަކަށް ވުރެ ގިނަ ފަރާތް އެބަތިބި ކަމަށް ސުހައިލް ވިދާޅުވިއެވެ. އެހެންކަމުން ފުރަތަމަ ބުރުގައި ސޮއިކޮށް ނިންމުމަށް، ފޯމު ފުރާފައި ނުލާ މީހުން ވީހާވެސް އަވަހަކަށް އެކަން ކުރުމަށް ސުހައިލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސުހައިލް އިތުރަށް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ސޮއިކުރަން ހަމަޖެހޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އަދަދެއް ސޮއިނުކުރެވިދާކަމަށެވެ.

އެގޮތުން މިހާރުވެސް ސޮއިކުރަން އަންނަން އަންގާފައިވާ 300 އަށް ވުރެ ގިނަ ފަރާތް ސޮއިނުކޮށް އެބަހުރިކަން ސުހައިލް ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތައް ދެވަނަ ބުރުގެ ސޮއިކުރުމަށް ޝެޑިއުލް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.