15 Aug 2021, 07:36
ޕޯޓް އޯ ޕްރިންސް (އޮގަސްޓު 15): ހެއިޓީއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި އެގައުމުން 300އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ރިޕޯޓު ކުރި ގޮތުގައި އިއްޔެ ހެނދުނު ހެއިޓީއަށް 7.2 މެގްނިޓިއުޑުގެ ބިންހެލުމެއް އައީ އެގައުމުގެ ސެއިންޓް ލުއީ ޑު ސޫޑްއާ 12 ކިލޯމީޓަރު ދުރުން، 10 ކިލޯމީޓަރު އަޑިއަށެވެ. ނަމަވެސް އެ ބިންހެލުމުގެ ގުޑުން، އެ ސިޓީއާ 125 ކިލޯމީޓަރު ދުރުގައި އޮންނަ ވެރިރަށް ޕޯޓް އޯ ޕްރިންސް އާއި އަވަށްޓެރި ގައުމުތަކަށްވެސް ފޯރިއެވެ.
އެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ޔޫއެސްޖީއެސް ދިން ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އެ އިންޒާރު އަނބުރާ ގެންދިޔައެވެ.
ހެއިޓީގެ ބޮޑުވަޒީރު އެރިއެލް ހެންރީ ވަނީ އެ ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ވިދާޅުވެ، ގައުމުގައި އެއް މަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ.
އެ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، 1،800އަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ. އަދި އެ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ހެއިޓީއަށް އެ ބިންހެލުން އައީ، 2010 ވަނަ އަހަރު އެގައުމަށް މެގްނިޓިއުޑު 7.0ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން މުޅިން އަރައި ނުގަނެވެނީސްއެވެ. އެ ބިންހެލުމުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން މަރުވެ، އިިގުތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތައް ލިބުނެވެ.
މީގެ އިތުރުން މިއީ ހެއިޓީގައި ފަގީރުކަމާއި ގޭންގު މާރާމާރީތައް އިތުރުވެ، ސިޔާސީ ހަލަބޮލިކަމާވެސް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. އެއީ މިދިޔަ މަހުގެ ހަތެއްގައި އެގައުމުގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ހެއިޓީގެ ފުލުހުން ބުނާ ގޮތުގައި މޮއިސް އަވަހާރަކޮށްލި 28 މީހުންގެ ޓީމަކުން އޭނާގެ ގެޔަށް ވަދެއެވެ. އަދި އެ ޓީމުގައި ހިމެނުނީ ކޮލޮމްބިއާގެ 26 މީހަކާއި ހެއިޓީ އާއި އެމެރިކާގެ ރަށްވެހިކަން އޮތް ދެ މީހެކެވެ.