"ކްރޫއެލާ"ގެ ސީކުއަލްގައި ވެސް ހޮލީވުޑްގެ ކާމިޔާބު ބަތަލާ އެމާ ސްޓޯން ހަރަކާތްތެރިވާނެ ކަން ކަށަވަރުވެއްޖެއެވެ.

ކާމިޔާބު ފިލްމު ކްރުއެލާ ރިލީޒްކުރުމަށްފަހު އެ ފިލްމަށް ލިބުނު ކާމިޔާބީއަށް ބެލުމަށްފަހު ފިލްމުގެ ދެވަނަ ބައި އިއުލާންކުރީ މިދިޔަ ޖޫން މަހުގައެވެ.

އުންމީދު ކުރި ގޮތާ ހިލާފަށް މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ފިލްމުގެ ޑައިރެކްޓަރު ކްރެއިގް ޖިލެޕްސީ އާއި ސްކްރީން ރައިޓަރު ޓޯނީ މެކްނަމާރާ ވަނީ ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭން ނިންމާފައެވެ.

ކްރޫއެލާގެ ދެވަނަ ބައި ވެސް ޑައިރެކްޓްކުރާނީ ކްރެއިގްއެވެ. އަދި މިފަހަރުގެ ބައިގެ ސްކްރީންޕްލޭ ވެސް ލިޔާނީ ކުރީ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރި ޓޯނީއެވެ.

ކްރޫއެލާ އަކީ ޑޯޑީ ސްމިތުގެ ވާހަކަ "ދަ ހަންޑްރެޑް އެންޑް ވަން ޑަމްލޭޝިއަންސް"ގެ ކެރެކްޓާއެއް ކަމަށްވާ ކްރޫއެލާ ޑި ވިލް އަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ބައިގައި އެމާގެ އިތުރުން ހަރަކާތްތެރިވި ބައެއް އެހެން ތަރިންނަކީ އެމާ ތޮމްޕްސަން، ޕޯލް ވޯޓާ ހައުޒާ، ޖޮއެލް ފްރައި، ކާބީ ހޮވެލްބެބްސްޓީ އަދި މާކް ސްޓްރޯންގްއެވެ.