ބާރަ ދުވަހުގެ މުއްދަތަކަށްފަހު ރާއްޖެއިން އެއް ދުވަހުގެ ތެރޭގައި އަލަށް ފެނުނު ކޮވިޑް19 ޕޮޒިޓިވް ކޭސްތަކުގެ އަދަދު 100އިން ދަށްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00އާ ހަމައަށް ނެގި 4.813 ސާމްޕަލުން ޕޮޒިޓިވްވީ 74 މީހުންނެވެ.

އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 13 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 51 މީހުންގެ އިތުރުން ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހުންނެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100އިން މަތީގައެވެ. އެންމެ ފަހުން އެއް ދުވަހުގެ ތެރޭގައި 100 މީހުންނަށްވުރެ މަދު ޕޮޒިޓިވް ކޭސް ފެނުނީ ދެވަނަ ދުވަހުގައެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 79،000އަށް ވަނީ އަރާފައެވެ.

މިވަގުތު ބަލި ޖެހިފައިތިބި 1،735 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 18 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވީ 299 މީހުންނެވެ. އަދި މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 77،031 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.

މިއަދާ ހަމައަށް ރާއްޖެއިން ކޮވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 342،793 މީހުންނެވެ. އަދި ދެ ޑޯޒު ފުރިހަމަކުރީ 294،364 މީހުންނެވެ.