14 Aug 2021, 22:05
ނިޔާމަ ޕްރައިވެޓު އައިލެންޑުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މިރޭ 8:50 ހާއިރު އެ ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އަލިފާން ރޯވީ ޕެވީލިއަން 52ގައި ކަމަށާއި 9:20ހާއިރު އަލިފާން ކޮންޓްރޯލްވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެ ހާދިސާގައި ޕެވީލިއަންގެ މަތިވަޑާންގަނޑާއެކު ބޮޑުބައެއް ވަނީ އަނދައިގެން ގޮސްފައެވެ. ނަމަވެސް އިތުރު ކޮޓަރިއަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.
ރިސޯޓުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގިއިރު، އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެސް ލިބިފައިނުވާ ކަމަށެވެ.
މީގެ ކުރިން 2018ވަނަ އަހަރުވެސް ނިޔާމަ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާގައި އެރިސޯޓުގެ ތިން ވޯޓާ ވިލާއެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާ ހުލިވެފައެވެ.