21 Feb 2012, 20:04
ޤައުމުގެ މާލީ ޙާލަތާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައި މާލީ ޙާލަތާގުޅޭ ބައެއް މުހިންމު ކަންކަން ޢާންމު ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް ނިންމަވައިފިއެވެ.
މިގޮތަށް ނިންމެވީ، ފިނޭންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު އަޙްމަދު މުޙަންމަދު، ޤައުމުގެ މާލީ ޙާލަތާ ގުޅޭގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގެ މައްޗަށް ވަޒީރުން ވާހަކަފުޅު ދެއްކެވުމަށްފަހުގަ އެވެ.
މިއަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓް ތަންފީޒު ކުރުމުގައި ހުރި ދަތިތަކާއި، މުހިންމު އިޤްތިޞާދީ މިންގަނޑުތަކާބެހޭ މަޢްލޫމާތު، ވީހާވެސް އަވަހަކަށް ރައްޔިތުންނަށް އެނގުމަކީ ވަރަށް މުހިންމު ކަމެއްކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ. އަދި، ވަޒީރުންގެ މަޖިލީހުގެ ތިން ބޭފުޅަކު، ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރި ކުރައްވައި މިމަޢްލޫމާތުތައް މިރޭ ދެއްވުމަށްވެސް ނިންމެވިއެވެ.
މިއަދުގެ ޖަލްސާގައި، ޤައުމުގެ މާލީ ޙާލަތު ރަނގަޅު ކުރެއްވުމަށް މިހާރުން މިހާރަށް އެޅުއްވެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުގެ އޮނިގަނޑަށް ގެންނަވަންޖެހޭ ބައެއް ބަދަލުތައް ހުރުމާއެކު، އެބަދަލުތަކާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ.