14 Aug 2021, 18:16
ޕާކިސްތާނުގެ 74 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ހުންނަ އެގައުމުގެ ހައި ކޮމިޝަނުގައި ފާހަގަކޮށްފިއެވެ.
ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުހަރު މުޚުތާރުއާ އެކު މާލޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުން ބައިވެރިވިއެވެ.
އެ ހަފްލާގައި ސަފީރު ވިދާޅުވި ގޮތުގައި، މިނިވަން ދުވަސް ފާހަގަ ކުރަނީ ގައުމުގެ އުސޫލުތަކާއި ސަރަހައްދީ އިން ދިފާއު ކުރުމުގައި ޝަހީދުވި މީހުންގެ ހަނދާން އާ ކުރުމަށެވެ. އަދި 14 އޮގަސްޓު 1947ގައި ޕާކިސްތާން އުފެދުނީ މުހައްމަދު އަލީ ޖިނާހް އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތަށް ފަހު ކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި ގައުމު ކުރިއަރަމުން ދާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެ ސަރުކާރުން ރަނގަޅަށް ގައުމު ހިންގާ، އިގުތިސާދީ ނިޒާމުތައްވެސް ހުއްޓުމެއް ނެތި ކުރިއަށްގެންގޮސްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ހަމަ އެހެންމެ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން "ބިލިއަން ޓްރީ ސުނާމީ ޕްރޮގްރާމް" ފަދަ މަޝްރޫއުތައް އެ ސަރުކާރުން ފަށާފައިވާކަން ސަފީރު ފާހަގަ ކުރެއްވިއެވެ. އެ ޕްރޮގްރާމުގެ މަގުސަދަކީ 2023 އަންނަންވާ ތަނަށް އެގައުމުގައި 10 ބިލިއަން ގަސް އިންދުމެވެ.
މީގެ އިތުރުން ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަ ކުރި ނަމަވެސް ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުންގެ ހާލަތާ މެދު ހިތާމަ ފާޅު ކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ކަޝްމީރާ ބެހޭ ގޮތުން އެ ސަރަހައްދުގެ ރައްޔިތުންނަށް އަމިއްލައަށް ގޮތް ނިންމުމުގެ ފުރުސަތު ހޯދުމަށްޓަކައި އެމީހުން ކުރާ މަސައްކަތަށް ޕާކިސްތާނުގެ ރައްޔިތުން ތާއިދު ކުރާ ކަމަށް ސަފީރު ވިދާޅުވިއެވެ.
މި އަހަރު ޕާކިސްތާނުގެ މިނިވަން ކަމަށް 75 އަހަރު ފުރޭ އިރު، މިއީ ރާއްޖެ އާއި އެގައުމުން ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި ތާރީހަށް 55 އަހަރު ފުރޭ އަހަރެވެ. އަދި ސަފީރު ވަނީ އެކަން ފާހަގަ ކުރައްވާ، ދެގައުމުން ދަނީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެފައެވެ.
އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދުވެސް ވާހަކަ ދެއްކެވިއެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ތަފާތު ދާއިރާތަކުގައި ޕާކިސްތާނުގެ ރައްޔިތުންވެސް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.