15 Aug 2021, 11:08
މިރޭ ކުޅޭ އޭޝިއަން ފުޓްބޯލް ކޮނފެޑެރޭޝަން ކަޕް (އޭއެފްސީ ކަޕް)ގެ ޕްލޭ އޮފް މެޗުގައި ކްލަބް އީގަލްސްއިން ތަމްސީލު ކުރަނީ ރާއްޖެ ކަމަށާއި ހުރިހާ ދިވެހީންގެ ފުރިހަމަ ސަޕޯޓް އީގަލްސްއަށް އޮންނާނެ ކަމަށް އުންމީދު ކުރާކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޝާޒް ބުނީ ފައިސާގެ ގޮތުން ބަލާއިރު ބެންގަލޫރު އާ އީގަލްސަ ހާސް ބައި ތަފާތު ކަމަށެވެ.
"ބެންގަލޫރުގެ ފެންވަރާ އީގަލްސްގެ ފެންވަރު އަޅާ ކިޔާލުން ރަނގަޅު. އެމީހުންގެ ފައިނޭންޝަލް ސްޓްރެންތާ އީގަލްސް އާ ބަލާއިރު ނުބައްދަލު ދެ ޓީމު މިއީ. ކުޅުންތެރިންނަށް ބަލާއިރު އެހާ ބޮޑު ތަފާތެއް ފަހަރުގަ ނުފެނިދާނެ،" ޝާޒް ބުންޏެވެ.
ދިވެހި ޓީމުތަކުން ފާއިތުވެދިޔަ ތިން މެޗުން ވަނީ ބެންގަލޫރު އަތުން ކުރި ހޯދާފައެވެ. އެކަމަށް އިޝާރާތްކޮށް ޝާޒް ބުނީ ދިވެހި ޓީމުތަކުން ކާމިޔާބީ ހޯދާފައިވަނީ ވަރަށް މަސައްކަތުން ކަމަށާއި އީގަލްސްއިން ގިނަ އަދަދެއްގެ ކުޅުންތެރިން ޓީމަށް ގެނައީ ގުރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
މިމެޗަށް އީގަލްސް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ވަނީ ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންވެސް ހިމެނެއެވެ.
އަލީ އަޝްފާގް (ދަގަނޑޭ)، އަކްރަމް އަބްދުލް ގަނީ، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް އީސާ (މެސީ)، އަހުމަދު ރަޝީދު (އަންމަޑޭ)ގެ އިތުރުން ގައުމީ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްވެސް ވަނީ އީގަލްސް އާ ގުޅިފައެވެ.

ކްލަބް އީގަލްސްގެ ފަރިތަކުރުމުގެ ތެރެއިން --- ސަން ފޮޓޯ: އިފާޒް
ޝާޒް ބުނީ ތަޖުރިބާކާރު މޮޅު ކުޅުންތެރިންތަކެއް ތިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުޅެފައިވާ ދިވެހި ކުޅުންތެރިންނަށްވުމުން ކުޅުންތެރިންގެ ކޮންބިނޭޝަންވެސް ރަނގަޅު ކަމަށެވެ.
އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ)ވެސް ވަނީ އީގަލްސް ތަމްސީލު ކުރަނީ ރާއްޖެ ކަމަށާއި ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން އީގަލްސްއަށް ސަޕޯޓުކުރުމަށް ގޮވާލާފައެވެ.
"އީގަލްސް ނަމުގަ ނިކުތަސް އަސްލު މިއީ ގައުމީ ކަމެއް ދޯ. ދިވެހި ރާއްޖެ ތަމްސީލު މިކުރަނީ. އެންމެންވެސް އީގަލްސްއަށް ސަޕޯޓުކޮށްދިނުން އެއީ އެންމެ ބޮޑު އެދުމަކީ،" ކުރޯ ބުންޏެވެ.
އީގަލްސްއާ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު އޮތީ މިރޭ 20:00 ގައި ގަލޮޅު ދަނޑުގައެވެ.