14 Aug 2021, 14:54
މިނިވަން މުއައްސަސާއެއްގެ މިނިވަންކަމާމެދު ވަޒީރަކު ސުވާލު އުފެެއްދެވުމަކީ އާދައިގެ ކަމެއް ނޫންކަަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިއަދު "ސަން" އަށް ވިދާޅުވި މިނިވަން މުއައްސަސާއެއްގެ މިނިވަންކަން ގެއްލިފައިވާކަމަށް ބުނުމަކީ އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާނުކުރެވޭ ހާލަތަކަށް ގޮސްފައިވާކަމަށް ބުނުންކަމަށެވެ.
"އެވަރު ކަމެއްގެ ވާހަކަ ބުނެފިކަމަށް ވެއްޖެޔާ އަޅުގަނޑު ދެކޭ ގޮތުގައި އެ މައްސަލައެއް ޖެހޭނެ ސަރުކާރުންވެސް ބަލަން. މަޖިލީހުންވެސް ބަލަން ޖެހޭނެ އެ ދެތަނުން ބަލާފައި ފިޔަވަޅު އަޅަންޖެހޭނެ. އެއްކަމަކަށް ބަލަން ޖެހޭނީ މަހުލޫފް އެ ދެެއްކީ ޒިންމާދާރު ވާހަކައެއްތޯ ހަމައެއާއެކުގައި ބަލަންޖެހޭނެ [އެންޓި ކޮރަޕްޝަންސް ކޮމިޝަން] އޭސީސީން ކޮމްޕްރޮމައިޒް ވާވަރުގެ ކަމެއް ހުރިތޯ." ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މަހުލޫފަކީ މަޖިލީހުގައިވެސް އުޅުވުމަށްފަހު ސަރުކާރުން މިނިސްޓަރުކަން ހޯއްދަވާފައި ހުންނެވި ބޭފުޅެއްކަމަށާއި އޭނާ އެފަދަ ވާހަކަތައް އެ ދައްކަވަނީ އެނގޭތީ ކަމަށެވެ.
"ހަމަ އެނގިވަޑައިގެން ހުންނަވައިގެން އެ ވާހަކަ އެ ދައްކަވަނީ. އަޅުގަނޑުމެންނަށް އަނެއްކޮޅުން ފެނޭ އެބަ ރައީސް ވެރިކަމަށް ހަވާލުވުމަށްފަހު ހެދި އެއްވެސް ކޮމިޝަނަކަށް މަސައްކަތް ނުކުރެވޭކަން. ހަމަ ބޭކާރު ހަރަދުތަކެއް ރައްޔިތުންގެ ފައިސާއިން އެ ދަނީ އެއްވެސް ނަތީޖާއެއް ނުނެރެވި." އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ދައުލަތުން ގެއްލިފައިހުރި ފައިސާ ހޯދަންކަމަށެވެ. އަދި ފައިސާ ނެގި މީހުންނާ މެދު ފިޔަވަޅު ނޭޅޭ ކަމަށާއި ކުރާ ހަމައެކަނި މަސައްކަތަކީ ވަކި ބައެއްގެ ބޮލުގައި ބަދުނާމެއް އެޅުވުންކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކާ މެދު ވެސް އަމަލުކުރަމުން ދަނީ އެ ގޮތަށްކަމަށް އާދަމް ޝަރީފް ވިދާޅުވިއެެވެ.
މަހްލޫފު އިއްޔެ "ސަން" އަށް ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ބަޔަކު ޕްރެޝަރު ކޮށްގެން މަސައްކަތް ކުރާ ކަމަށެވެ.
އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ ނަޒާހަތްތެރިކަން ގެއްލޭފަދަ ހެކި އެބަހުރި ކަމަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަައިގައި ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ހެކި ހޯދުމުގައި މައްސަލަތަކެއް ހުރި ކަމަށް މަހްލޫފު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ގާނޫނުތަކުގައި ބުނެފައިވާ ގޮތާ ހިލާފަށް ލަންކާގެ ރައްޔިތެއްގެ ބަޔާން ނަގާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.