ހިޔާ މަޝްރޫއުގެ ފުލެޓުތައް މެއިންޓެނެންސް ކުރަން ވެރިފަރާތުގެ އަތުން ކޮންމެ މަހަކު ނަގާ ފައިސާއިން، ބާކީވާ އަދަދު ރައްދުކޮށްދޭނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ ފުލެޓުތަކުގެ ކުލި ނަގަނީ މެއިންޓެނެންސް ފީ އަކާ އެކީގައެވެ. އެގޮތުން ފުލެޓުތަކުގެ ކުއްޔަށް 7،500 ރުފިޔާ ނަގާއިރު މެއިންޓެނެންސް ފީ އަށް ނަގާ 1،000 ރުފިޔާ އާއެކު ޖުމްލަ 8،500 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އެކުންފުނިން ފުލެޓުތަކުގެ މެއިންޓެނެންސް ބަލަހައްޓާނީ އަހަރެއްހާ ދުވަހު ކަމަށެވެ.

އެއަށްފަހު ކޮންމެ ދެ ޓަވަރަކީ މެނޭޖްމަންޓު ބޮޑީއެއްގެ ގޮތުގައި ބަލައިގެން ކޮންމެ ބޮޑީއަކުން ފުލެޓުތައް ބެލެހެއްޓުމަށް ރެޕްރެޒެންޓޭޓިވް އެއް ހަމަޖައްސާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ވަކި ހިސާބަކުން ފުލެޓުތަކުގެ މެއިންޓެނެންސް އެޗްޑީސީ އިން ދޫކޮށްލާނެކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ މެއިންޓެނެންސް ފީގެ ގޮތުގައި ފުލެޓުތައް ލިބުނު ފަރާތްތަކުގެ އަތުން ނަގާ ފައިސާއިން ބާކީވާ އަދަދު އެފަރާތްތަކަށް އަނބުރާ ރައްދުކުރާނެ ކަމަށެވެ.

"ހަމަ ގައިމުވެސް ޚަރަދުކޮށްފަ ބާކީހުރި އެއްޗެއް ވެއްޖިއްޔާ އަޅުގަނޑުމެން އަނބުރާ ދޭނަން،" ސުހައިލް ވިދާޅުވިއެވެ.

ފުލެޓުތަކުގެ މެއިންޓެނެންސް އަށް ހަރަދުވާ ހިސާބުތަކުގެ ތަފްސީލުވެސް ފުލެޓު އޯނަރުންނަށް ހިއްސާކުރާނެ ކަަން ސުހައިލް އިތުރަށް ފާހަގަކުރެއްވިއެވެ.

މެއިންޓެނެންސް ފީ އާ އެކު ކުލީގެ ގޮތުގައި ނަގާ 8،500 ރުފިޔާ އަކީ ފުލެޓުތައް ލިބުނު މީހުންނަށް ދެއްކޭ ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށް ބުނެ އެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް އެއަށްވުރެ ކުލި ކުޑަކޮށްފިނަމަ ސަރުކާރުން ދައްކަންޖެހޭ ލޯނު ދައްކަން ދަތިވާނެ ކަަމަށް ބުނެ، ކުލި ކުޑަ ނުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.