21 Feb 2012, 17:17
މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓްކުރާ ރާއްޖެ ޓީވީ ބްރޯޑްކާސްޓް ކުރުމަށް ކުރީގެ ރާއްޖެ ރޭޑިއޯ އަދި މިހާރު ދިވެހި ރާއްޖޭގެ އަޑުގެ ޓްރާންސްމީޓަރު ޓަވަރަށް ފީ ނުދައްކައި އެ ޓަވަރު ބޭނުންކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެމްއެންބީސީގެ އެމްޑީ އަހުމަދު ފާއިޒް މިއަދު ވިދާޅުވީ ރާއްޖެ ޓީވީ ބްރޮޑްކާސްޓްކުރަން ބޭނުންކުރާ ބައެއް އިކްވިޕްމަންޓްތައް އަޑުގެ ޓްރާންސްމީޓަރު ޓަވަރުގައި އެބަހުރި ކަމަށާއި އެތަކެތި އެތަނުގައި ހަރުކުރުމުގެ ހައްދަދީފައި ވަނީ ކުރީގެ އެމްއެންބީސީގެ މެނޭޖްމަންޓުން އެއްވެސް ލިޔެކިޔުމަކުން އެއްބަސްނުވެ ކަމަށެވެ.
"އެއީ އެބޭފުޅުން [ކުރީގެ މެނޭޖްމަންޓުން] ގަވާއިދާ ހިލާފަށް ނުފޫޒުންކޮށްފައިވާ ކަމެއް. އެގްރިމަންޓެއް އެއްވެސް ލިޔެކިޔުމެއް ނެތް. އެހެންވީމާ ފައިސާ ނުދައްކާނެ ދެއްތޯ. ރާއްޖެ ޓީވީ އުފެދުނީއްސުރެ އެބޭފުޅުން އެ އެއްޗިހި އެޓަވަރުގައި ހަރުކޮށްފައި ހުންނަނީ،" ފާއިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޓަވަރުގައި އެތަކެތި ހަރުކުރަން ފުރަތަމަ ހުއްދަ ދިނީ ރާއްޖެ ޓީވީގެ ޓެސްޓް ސިގްނަލް ފޮނުވުމަށް ކަމަށާއި ނަމަވެސް އޭރުގެ މެނޭޖްމަންޓާއި އެ ޓީވީއާ އޮންނަ ގާތްގުޅުމަކުން އެތަކެތި ދާއިމީކޮށް ބަހައްޓަން އެއްބަސްވީ ކަމަށެވެ. އަދި ރާއްޖެ ޓީވީ އާ މަޝްވަރާކޮށް އެކަމުގައި މާދަމާ އެއްބަސްވުމަކަށް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމައެކަނި ހަބަރާއި މައުލޫމާތު ފޮނުވާ އެ ޗެނަލް އަކީ އެންވާރްމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ހިއްސާ އޮންނަ ޗެނަލެކެވެ. އެ މައްސަލައިގައި އަކްރަމްގެ ބަހެއް މިއަދު ލިބޭގޮތެއް ނުވި އެވެ.