އިސްލާމް އާބާދު (އޮގަސްޓް 14): އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޕާކިސްތާނުން ވަކި ކޮޅަކަށް ނުޖެހޭ ކަމަށާއި ތާލިބާނުންނަށް އެހީތެރިވާކަމަށް ޕާކިސްތާނުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ދޮގެއްކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގެ މައްސަލާގައި އެމެރިކާއިން ޕާކިސްތާނަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެމެރިކާއަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުން އިމްރާންޚާން ވިދާޅުވީ އެމެރިކާ އަފްޣާނިސްތާނުގައި ފެއިލްވިކަން މުޅި ދުނިޔެއަށްވެސް ހާމަވެއްޖެ ކަމަށާއި އެމެރިކާގެ ނާކާމިޔާބީގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވަން އެމެރިކާގެ ބައެއް މަސްއޫލުވެރިން މަސައްކަތް ކުރައްވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ކަންތައްތައް ގޯހުން ގޯހަށް ދިޔައީ އެމެރިކާގެ ސަބަބުން

އަފްޣާނިސްތާނުގެ ކަންތައްތައް ގޯހުން ގޯހަށް ދިޔައީ އެމެރިކާގެ ސަބަބުންކަން ހާމަކުރައްވަމުން އިމްރާމްޚާން ވިދާޅުވީ އަފްޣާނިސްތާނުގައި އެމެރިކާ ފައިހަރުކޮށްލައިގެން އޮވެ މުޅި ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވަން އެމެރިކާ ކުރިމަސައްކަތް ފޭލްވެފައިވާކަމުގައެވެ. އަދި އަފްޣާނިސްތާނުން ފެންނަމުންދަނީ އެގައުމުގެ ހާލަތަށް ބެލުމެއްނެތި އެމެރިކާގެ މަސްލަހަތާ އެއްގޮތަށް އަފްޣާނިސްތާން ބައްޓަންކުރަން ވިއްސަކަށް އަހަރުވަންދެން އެމެރިކާކުރި އަސްކަރީ އަދި ސިޔާސީ މަސައްކަތްތައް ނާކާމިޔާބުވި މަންޒަރު ކަމަށްވެސް އިމްރާންޚާން ވިދާޅުވިއެވެ.

އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ކަމަށްވާ ނޭޓޯގެ ގައުމުތައް ދެކޭގޮތުގައި ތާލިބާނުން މުޅި އަފްޣާނިސްތާން މިހާރު ބާރު ސްޕީޑެއްގައި ހިފަމުން ގެންދަނީ ޕާކިސްތާނުގެ ނުސީދާ އެހީ ލިބިގެންނެވެ. ނަމަވެސް ޕާކިސްތާނުން މިކަން ދޮގު ކުރެއެވެ. ޕާކިސްތާން ބޭނުންނަމަ އަފްޣާން ސަރުކާރާ ވާހަކަދައްކައި އަފްޣާނިސްތާނުގެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް ތާލިބާނުންނަށް މަޖްބޫރު ކުރެވިދާނެކަމަށްވެސް އެމެރިކާ އާއި ނޭޓޯގެ ބޮޑެތި ގައުމުތަކުން ދެކެއެވެ.

ނަމަވެސް އިމްރާންޚާން ވިދާޅުވީ ޕާކިސްތާން ބާރުއެޅި ނަމަވެސް އެމެރިކާގެ މަދަދުލިބޭ އަފްޣާން ސަރުކާރާ ވާހަކަދައްކައި ސުލްހަވާން ތާލިބާން ބޭނުންނުވާނެ ކަމުގައެވެ. އެކަން ކުރެވުމުގެ ފުރުސަތު އޮތީވެސް ގިނަ ގައުމުތަކެއް ހިމެނޭގޮތަށް ގަތަރުގައި ކުރިޔަށްދާ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން ކަމަށާ އެވާހަކަތަކުގައި އެމެރިކާގެ އިތުރުން ޕާކިސްތާންވެސް ބައިވެރިވާކަން އިމްރާންޚާން ފާހަގަ ކުރެއްވިއެވެ. އަފްޣާނިސްތާން އެއްކޮށް ހިފުމަށް ތާލިބާނުން މިހާރު ކުރަމުން ގެންދާ ހަނގުރާމައިގާ ހޯދަމުންގެންދާ އަސްކަރީ ކާމިޔާބު ތަކުގައި ޕާކިސްތާނުގެ ދައުރެއްނެތް ކަމަށްވެސް އިމްރާންޚާން ވިދާޅުވިއެވެ.

ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައިވަނީ ޕާކިސްތާނުގެ ސިޔާސަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި

އަފްޣާނިސްތާން ހިފުމަށް ތާލިބާނުން ހޯދަމުންގެންދާ އަސްކަރީ ކުރިއެރުންތަކާ ގުޅިގެން އަފްޣާން ސަރުކާރު ފިޔަވައި ދެން އެންމެ ކަންބޮޑުވާ ދެގައުމަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިއެއްގެ ގޮތުގައި މިފަހަކަށް އައިސް ފެންމަމުންދާ އިންޑިއާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކުރިން އެމެރިކާގެ ބައިވެރިއެއްގެ ގޮތުގައި އޮތް ޕާކިސްތާނުގެ ސިޔާސަތަށް ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެތެރޭގައި އެމެރިކާ އެދޭއެދުންތަކަށް ޕާކިސްތާން ދީލާނުލުމާއި ޕާކިސްތާނުން ޗައިނާއާއެކު އިގްތިސާދީ އަދި އަސްކަރީ ގާތްގުޅުންތަކެއް ގާއިމް ކުރަމުން ގެންދިޔުމާއި އެމެރިކާގެ އަސްކަރީ އެހީގެ ބަދަލުގައި ޗައިނާގެ އަސްކަރީ ޓެކްނިޮލޮޖީ ޕާކިސްތާނުން ހޯދުން ހިމެނެއެވެ.

ޕާކިސްތާނުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ނުހެދޭނެ

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު އަފްޣާނިސްތާނުގެ ކަންކަން އަސްކަރީ ގޮތުން ބާރުފޯރުވުމަށްޓަކައި ޕާކިސްތާނުގައި އަސްކަރީ ބޭހެއް ގާއިމް ކުރުމަށް ޕާކިސްތާނުން ދެކޮޅު ހެދުމަކީވެސް އެމެރިކާގެ ނުރުހުން ޕާކިސްތާނަށް އަމާޒުވި ކަމެކެވެ. އިމްރާންޚާންވަނީ އެމެރިކާގެ އަސްކަރީ ބޭހެއް ޕާކިސްތާނުގައި ގާއިމް ކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު އަފްޣާނިސްތާނުގެ ކަންކަން އަސްކަރީ ގޮތުން ބެލެހެއްޓުމަށްޓަކައި އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމެއްގައި އަސްކަރީ މަރުކަޒެއް ގާއިމް ކުރަންބޭނުންވާކަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ ހާމަކޮށްފައެވެ. ނަމަވެސް މިފަދަ މަރުކަޒެއް ޕާކިސްތާނުގައި ގާއިމް ކުރުމުގެ ފުރުސަތަށް އެދި ޕާކިސްތާނަށް ހުށަހެޅިކަން އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.