މާދަމާއިން ފެށިގެން ގަލްފް އެއާއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

ބޭރުގެ ނޫހެއްކަމަށްވާ އަރަބި ޓްރޭޑުން ބުނީ ގަލްފް އެއާއިން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އެ ސަރަހައްދުގައި ރާއްޖެއަށް ދަތުރުކުރުމަށް އޮތް ޑިމާންޑުގެ ސަބަބުންކަމަށެވެ.

ދަތުރުތައް ފެށުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަލްފް އެއާގެ ޗީފް އެގްޒެކްޓިވް އޮފިސަރު ކެޕްޓަން ވަލީދު އަލް އަލާވީ ވިދާޅުވީ ރާއްޖެއަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.

"އަޅުގަނޑުމެން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ޑިމާންޑު އިތުރުވވުމުގެ ސަބަބުން. ރާއްޖެއަކީ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ހުޅުވާލާފައިވެސް އޮތް ގައުމު. ގަވާއިދުން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ. ހަފްތާގެ ކޮންމެ ދުވަހަކުވެސް ދަރުތައް އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

ގަލްފް އެއާ އިން ރާއްޖެއަށް ދަތުރު ފަށާއިރު މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުން މިހާރުވެސް ރާއްޖެއަށް ދަތުރު ކުރެއެވެ. އޭގެ ތެރޭގައި އެމިރޭޓްސް، ފްލައި ދުބާއީ، ގަތަރު އެއާވޭސް އަދި އިއްތިހާދު އެއާވޭސް ހިމެނެއެވެ.

ގަލްފް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ.