14 Aug 2021, 12:57
ރާއްޖެ ގެންނަން ނިންމާފައިވާ ރަޝިޔާގެ ސްޕަޓްނިކް ވެކްސިން ދެން ރާއްޖެ ނުގެންނާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕެރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ރަޝިޔާގެ ވެކްސިން ނުގެންނަން ނިންމީ މިހާރު ރާއްޖެއަށް ގެނެސްފައިހުރި ވެކްސިންތަކުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ޖެހޭނެތީ ކަމަށެވެ.
ސްޕަޓްނިކް ވެކްސިން ގެންނަން ވާހަކަ ދެކެވިފައިވީ ނަމަވެސް އެއްވެސް ފައިސާއެއް ސްޕަޓްނިކް ވެކްސިންއަށް ހޭދަ ނުކުރާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ސަރުކާރުން ސްޕަޓްނިކް ވެކްސިން ގެންނާނެ ކަން އިއުލާނު ކޮށްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ ވެކްސިން ގެންނަން އެގްރީމެންޓްގައި ސޮއިކުރާތާ ހަތަރު ހަފްތާއެއްހާ ދުވަސް ތެރޭގައި ވެކްސިން ފޮނުވާނެ ކަމަށްވެސް އޭރު ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވިއެވެ.
ޑިސްކްލޯޒާ އެގްރީމެންޓްއެއްގައި ސޮއި ކުރިކަން ހެލްތު މިނިސްޓަރު ހާމަ ކުރެއްވި ނަމަވެސް ޕާޗޭސް އެގްރީމެންޓްގައި ސޮއިކުރެއްވިކަމެއް ހާމައެއް ނުކުރައްވައެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކުރި 128،700 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެ ގެނެސްފައިވެއެވެ. މި ވެކްސިން ޖަހަން ނިންމާފައިވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ.
ޗައިނާއިން ވަނީ ސިނޮފާމް ވެކްސިންގެ އިތުރު ހަތަރުލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައެވެ.
މީގެ އިތުރުން އެސްޓްރަޒެނެކާގެ 700،000 ޑޯޒް ގެންނަން ސަރުކާރުން ފައިސާ ދައްކާފައިވާއިރު އޭގެ އެއް ޝިޕްމެންޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަން ޑރ. ނަޒްލާ ހާމަކުރެއްވިއެވެ.
އެކަމާ ބެހޭ އިތުރު މައުލޫމުތު ފަހުގެ ތާރީހެއްގައި ހިއްސާ ކުރާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.