ހިޔާ މަޝްރޫއުގެ ފުލެޓުތަކުގެ ކުލި ކުޑަކުރެވެން ނެތް ކަމަށް ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފުލެޓުތަކުގެ ކުލީގެ ގޮތުގައި 8،500 ނަގަން ސަރުކާރުން ނިންމާފައިވާއިރު، އެ އަދަދަކީ ފުލެޓުތައް ލިބުނު ފަރާތްތަކަށް ދެއްކޭނެ އަދަދެއް ނޫން ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ކުރީގެ ސަރުކާރުން ނިންމާފައި އޮތް ގޮތަށް ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދިނުމަށް ގޮވާލައި ފުލެޓު ލިބުނު ފަރާތްތަކުން އިއްޔެ ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސުހައިލް ވިދާޅުވީ ފުލެޓުތަކުގެ ކުލި ކުޑަކޮށްފިނަމަ ފުލެޓުތައް އެޅުމަށް ނެގި ލޯނު ދައްކަން ސަރުކާރަށް ދަތިވާނެ ކަމަށާއި، ލޯނު ދެއްކޭނީ މިހާރު ކަނޑައަޅާފައިވާ ކުލިން ކަމަށެެވެ.

އެހެންކަމުން ސަރުކާރުން ކަނޑައަޅާފައިވާ ކުލި ބަދަލުނުކުރެވޭނެ ކަަމަށާއި، ނަގާނީ ކުރިންވެސް ކަނޑައަޅާފައިވާ ކުލި ކަމަށް ސުހައިލް ވިދާޅުވިއެވެ.

"އެހެންވީމާ އަދިއެއް އިތުރު ބަދަލެއް އައިސްފައެއް ނެތް ކުއްޔަކަށް. ހަމަ ކުރިންވެސް ކަނޑައެޅިފަ އޮތް ގޮތަށް 8،500 ހުރިހާ މަހަކު," ސުހައިލް ވިދާޅުވިއެވެ.

ކުލި ކުޑަކޮށްދިނުމަށް އެދި ހިޔާ ޔޫނިއަންގެ ފަރާތުން އިއްޔެ އަޑު އުފުލާފައި ވާއިރު، އެ ފަރާތްތަކުން ވަނީ ފިނިޝިންގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ ގްރޭސް ޕީރިއަޑްވެސް އިތުރުކޮށްދިނުމަށް ގޮވާލާފައެވެ.

އެގޮތުން ސަރުކާރުން ކުރިން ފިނިޝިންގެ ގޮތުގައި ތިން މަސް ދުވަސް ދޭން ނިންމާފައިވީ ނަމަވެސް، މިހާރު އެ މުއްދަތު ހަތަރު މަސް ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް މިއަދު ސުހައިލް ވަނީ ވިދާޅުވެފައެވެ.

ހިޔާ ފުލެޓުތައް ލިބު ފަރާތްތަކުން މީގެ ކުރިން ވަނީ ބައެއް ކަންކަމަށް ޑިމާންޑުކޮށް ސަރުކާރަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން ސަރުކާރަށް ހުށަހެޅި ޕެޓިޝަނުގައި މައިގަނޑު ތިން ކަމަކަށް އެދިފައިވެއެވެ. އެއީ މިހާރު ނަގާ 8،500 ރުފިޔާގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށް ދިނުމަށާއި، ފިނިޝިން އަށް ދޭ ގްރޭސް ޕީރިއަޑްގެ މުއްދަތު 12 މަސް ދުވަހަށް އިތުރުކޮށްދިނުމަށެވެ.

އަދި ކޮންމެ ޔުނިޓެއްގެ އިންޓީރިއާ ފިނިޝިން އަށް ޖެހޭ އަގުގެ ޖުމްލަ އަގުން، އެއްލައްކަ ރުފިޔާ މާފުކޮށްދިނުމަށް ހިޔާ ޔޫނިއަންގެ ފަރާތުން ސަރުކާރުގައި ވަނީ އެދިފައެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން މިހާތަނަށް އެކަންކަމަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ހިޔާ ޔޫނިއަންގެ ފަރާތުން "ސަން" އަށް ވަނީ މައުލޫމާތުދީފައެވެ.