14 Aug 2021, 13:06
ހިޔާ ފުލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިންމަން ހަތަރު މަސްދުވަހުގެ މުއްދަތެއް ދޭން މިހާރު ނިންމާފައިވާ ކަަމަށް ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެެއްޖެއެވެ.
މީގެ ކުރިން ސަރުކާރުން ނިންމާފައި އޮތީ ފިނިޝިންގެ މަސައްކަތް ނިންމަން ތިން މަސް ދުވަސް ދިނުމަށެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުލި ނަގަން ފަށާނެ ކަމަށް އެޗްޑީސީ އިން މީގެ ކުރިން ވަނީ ބުނެފައެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުހައިލް ވިދާޅުވީ ގިނަ ބައެއްގެ އެދުމުގެ މަތިން ފިނިޝިންގެ މަސައްކަތް ނިންމުމަށް ދީފައިވާ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފިނިޝިންގެ މަސައްކަތް ނިންމަން ހަތަރު މަސް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށާއި، އެއާއެކު ފުލެޓުތަކުގެ ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ކަަމަށް ސުހައިލް ވިދާޅުވިއެވެ.
"ދެން މިހާރު ނިންމާފަ އަޅުގަނޑުމެން މިއޮތީ ހަތަރު މަސް ދުވަސް ދޭން ފުލެޓުގަ ނުނިމި ހުރި މަސައްކަތް ކުރަން. އެއީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް. އެހެންވީމަ ޑިސެމްބަރުގެ ނިޔަލަށް ދައްކަންޖެހޭ ކުލި ނުވަތަ މަހަކު ދައްކަންޖެހޭ ފީ ދައްކާކަށް ނުޖެހޭނެ ޑިސެމްބަރުގެ ނިޔަލަށް. ޖެނުއަރީން ފެށިގެން ދައްކަން ފަށަން ޖެހޭނީ،" ސުހައިލް ވިދާޅުވިއެވެ.
އެހެންކަމުން މިއީ ކުރިން ދީފައިވާ މުއްދަތަށްވުރެ އެއް މަސް ދުވަހުގެ އިތުރު މުއްދަތެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
ސުހައިލް އިތުރަށް ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ފުލެޓުތަކަށް ކަރަންޓު ލުމުގެ ކަންކަން ހަމަޖެހޭނެކަމަށެވެ.
އަދި ފުރަތަމަ ބުރުގެ ފުލެޓު ސައިނިން މި މަހުގެ 18 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށާއި، މިއަދުގެ ނިޔަލަށް ޖުމްލަ 3200 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.