ވަކިވަކި ހުއްދަތައް އެއްފަރާތްކޮށް، ސަން އެފްއެމްގެ ހިދުމަތް މުޅި ރާއްޖެ އަށް ދިނުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މާލެ އާއި އަތޮޅު ތެރެއަށް ވީ ޓީވީ އާއި ދި ޓިވީގެ ހިދުމަތް ފޯރުކޮށްދެއްވުމުގެ ހުއްދައަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް އެ ތިން ސްޓޭޝަނުން މިއަދު ހުށައަޅައިފި އެވެ.

ވީ ޓީވީ އާއި ދި ޓިވީ އާއި އަދި ސަން މީޑިޔާ ގުރޫޕުން ބުނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އޮޕަރޭޓްކުރާ މީޑިއާ ރިންގަށް ދޫކޮށްފައިވާ ލައިސަންސްގެ ދާއިރާ މުޅި ރާއްޖެ އަށް ފުޅާކޮށްދީފައި ވާތީ، އެ ފަރާތްތަކުން ވެސް މީޑިޔާ ކަވަރޭޖް މުޅި ރާއްޖޭގައި އެންމެ ފުރިހަމަ ގޮތުގައި ދޭން ބޭނުން ވާތީ އެކަންކަން ކޮށްދިނުމަށް އެމްބީސީގައި އެދުނީ ކަމަށެވެ.

ސަން މީޑިޔާ ގުރޫޕުގެ ސީއީއޯ ސިނާން އަލީ މިއަދު ވިދާޅުވީ ރާއްޖޭގައި ޚިދުމަތުގައި ދެމިތިބި ބްރޯޑްކާސްޓަރުންނަށް އެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް ބޭނުންވާ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ ވިސްނުމެއް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރު ގެންގުޅުއްވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެން ކަމުން ސަން އެފްއެމްގެ ޚިދުމަތް މުޅި ރާއްޖެއަށް ދިނުމަށް ބޭނުންވާ ހުއްދަ އަށް އެދިވަޑައިގަތީ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މީގެކުރިން ވެސް މި ހިދުމަތް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަށް އެދެމުން އައިބައެއް. އެ ކަމަށް އެދި ކަމާ ގުޅޭ ބޭފުޅުންނާ އެތައް ފަހަރަކު ބައްދަލު ކުރެވިފަ ވަނީ. އެދޭ ކޮންމެ ފަހަރަކު ވިދާޅުވެފައި ވަނީ ބިޑަށް ހުޅުވައިލުމުން ކުރިމަތިލުމަށް. އަދި އެ ކަމަށް ބޭނުންވާ ގަވައިދުތައް ނިމުނު އެންމެ އަވަހަކަށް ބިޑަށް ހުޅުވާާލާނެ ކަމަށް. އެކަމަކު މިހާރުގެ ކޮމިޝަނުގެ ވިސްނުން ހުރީ ބިޑަކާ ނުލައިވެސް ޚިދުމަތުގަ މިހާރު ދެމިތިބި ފަރާތްތަކަށް ފުރުސަތު ފަހިކޮށްދެއްވަން ކަމަށް ގަބޫލު ކުރެވޭތީ އެ ކަމަށް އެދި މިއަދު ހުށަހެޅީ،" ސިނާން ވިދާޅުވި އެވެ.

ވީޓީވީގެ ފަރާތުން ވާހަކަ ދެއްކެވި އެ ސްޓޭޝަނުގެ ސީއީއޯ އިބުރާހިމް ހަލީލު ވިދާޅުވީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ވީޓީވީގެ ހިދުމަތް ރާއްޖެ އަށާއި މާލެއަށް ފޯރުކޮށްދެއްވުމުގެ މަސައްކަތްކުރުމަށް ހުއްދަ އަށް އެދިފައިވާނެ ކަމަށެވެ. ހަލީލު ވިދާލުވީ އެމްބީސީ އަށް އެ ހުއްދަ ދޫނުކުރެވިގެން އުޅޭ ކަމަށް ގަބޫލުކުރެވުނީ ހަދަން ޖެހޭ ގަވާއިދުތައް ހެދުމުގައި ގިނަ ދުވަސްތަކެއް ނަގާތީ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެމްބީސީ އިން އެކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވައިދުގެ ދަށުން ހިދުމަތްތައް ދިނުމަށް ލަސްވާތީވެ، އަވަސްކޮށްލުމުގެ ގޮތުން އެ ބޭފުޅުންނަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން ހިދުމަތް އަވަސް ކުރުމަށް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށް،" ހަލީލު ވިދާޅުވި އެވެ.

ދި ޓިވީގެ ސީއީއޯ ޔޫސުފު ނަވާލު މިއަދު ވިދާޅުވީ މިހާތަނަށް އަތޮޅު ތެރެއަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދި ޓީވީ ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާ ކަމަށާއި އެހިދުމަތްތައް ދޭން ބޭނުންވާ ސާމާނު ހުރި ނަމަވެސް ހުއްދަތައް ނުލިބޭތީވެ އެ ހިދުމަތް މިހާތަނަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން ވެސް ވާނީ މިހާރު އެމްބީސީގައި އެދިފައި ހިދުމަތް ދިނުމަށް ލައިސަންސެއް ދެންޏާމު އެލައިސެންސެއް ދެއްވުމަށް އެދި. ފަހުގެ ޓެކްނޮލަޖީތައް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. އެއެއްޗެހި ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސަށް އެދިފައި ވާނީ." ނަވާލު ވިދާޅުވި އެވެ.

އެމްބީސީގެ ރައީސް ބަދުރުއް ނަސީރު މިއަދު ވިދާޅުވީ ތިން ޗެނަލަކުން ހިދުމަތްތައް ތަރައްގީކުރުމަށް އެދި ސިޓީ ފޮނުވިކަން އަދި ވިދާޅުވުމަށް ދަތި ކަމަށާއި ނަމަވެސް އެ ބޭފުޅުން އެ ތިން ޗެނަލުން އެދޭ ގޮތަށް މީޑިޔާގެ ކަންކަން ފުރިހަމަކޮށްދެވެން އޮތް ނަމަ ގާނޫނުތަކާއި ގަވާއިދުތަކަށް ބެލުމަށް ފަހު އެކަން ކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު މިވަގުތު މިހިރީ އޮފީހުން ބޭރުގައި ސިޓީތައް ލިބިފައި ހުރި ކަމެއް ނޭނގެ ބުނާކަށް. އެބޭފުޅުން އެދިފައިވާ ގޮތް ބެލުމަށް ފަހު ހަމަ ދޫކުރާނަން،" ބަދުރު ވިދާޅުވި އެވެ.

ބަދުރު ވިދާޅުވީ އިތުރު ޗެނަލްތަކުގެ ފުރެކުއެންސީ ދޫކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި އެކަންކަން ލަސްވެގެން ދިޔައީ ގައުމަށް ދިމާވެގެން އުޅުނު ހާލަތުގެ ސަބަބުން ކަމަށެވެ.

އިއްޔެ ރާއްޖެ ޓީވީ އަށް، މުޅިރާއްޖެ އަށް ބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ދިން އިއުލާންގައި ބުނެފައި ވަނީ ރާއްޖެ ޓީވީގެ ބޭންޑް ވިތު ފުޅާކޮށްދިނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށާއި އަދި ގާނޫނީ ތަރަހައިގެ ތެރޭގައި "ޚަބަރާއި މައުލޫމާތު ފެތުރުމުގައި އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދިނުމާއި ތަފާތު ބާވަތްތަކުގެ ޚިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށް ފުރުޞަތު ލިބޭނެ ގޮތް ހަމަޖައްސައިދިނުމު"ގެ ގޮތުން ކަމަށެވެ.

"ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތު އެކަށައަޅައި ތަރަށްޤީކޮށް ހިންގުމަށް ޓަކައި ކުރަން ޖެހޭ ކަމަކަށް ވެފައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތު ފުޅާކުރުމުގެ ގޮތުން ލައިސަންސް ދޫކުރުމުގައި ކަނޑައަޅައިފައިވާ ޝަރުތުތަކަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިދީފައި ވާތީ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސްގެ ދާއިރާ، 20 ފެބްރުއަރީ 2012 އިން ފެށިގެން މުޅި ރާއްޖެއަށްފުޅާކޮށްދީފީމެވެ." ބްރޯޑްކާސްޓިން ކޮމިޝަންގެ އިއުލާންގައިވެ އެވެ.