14 Aug 2021, 10:22
މުޅި ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 294،109 މީހުން ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ މާލޭ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް 630 މީހަކު ޖެހިއިރު އަތޮޅުތަކުން 872 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ.
އަދި އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 1،204 އަށް އަރައެވެ. އެއީ މާލެ ސަރަހައްދުން 641 މީހަކާއި އަތޮޅުތަކުން 563 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ޖުމްލަ 342،511 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 294،109 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެެވެ.
މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިން ފުރިހަމަ ކުރުމަކީ ސަރުކާރުގެ އަމާޒެކެެވެ.
ރާއްޖޭގެ ވެކްސިން ޖެހޭ މުޅި އާބާދީއަށް ވެކްސިން ޖެހޭ ވަރަށް އެސްޓްރަޒެނެކާ ވެކްސިން ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމަންޓް މި މަހުގެތެރޭ ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޗައިނާއިން ވަނީ ސިނޮފާމް ވެކްސިންގެ އިތުރު ހަތަރުލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރަން ނިންމާފައެވެ.
ވެކްސިން ޖެހުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާއިރު، އަންނަ ހަފްތާއިން ފެށިގެން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގުރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ވެކްސިން ނުޖަހާ ސިވިލް ސާވިސް މުވައްޒަފުންނަށް ވަކި އުސޫލަކުން އަމަލުކުރަން ނިންމާފައެވެ.
އޭގެ އިތުރުން އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކަށް ވަނުން މަނާކުރަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ. ހަމައެންމެ ޑޮމެސްޓިކް ފްލައިޓް ދަތުރުތައް ވެސް އެފަދަ މީހުންނަށް ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ.