14 Aug 2021, 11:22
މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރާނެ ފަރާތެއް ހޯދަން އަވަސް މުއްދަތެއްގައި އިއުލާނު ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ މިސްކިތްތަކުގައި ސީސީޓީވީ ހަރުކުރާނެ ފަރާތެއް ހޯދަން އިއުލާނު ކުރާ ހިސާބަށް އެ ޕްރޮޖެކްޓްގެ މަސައްކަތް ގޮސްފައިވާކަމަށާއި އުންމީދަކީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ އިއުލާން ކުރެވުން ކަމަށެވެ.
"މިހާރު އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކުރާ ހިސާބަށް ގޮސްފައި ވަނީ،" ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ މާލޭގެ ހުރިހާ މިސްކިތްތަކެއްގައި ސީސީޓީވީ ހަރުކުރަން ނިންމީ މިސްކިތްތަކަށް ދޭންވާ ވަރަށް އިހްތިރާމް ނުދޭކަމުގެ ގިނަ ޝަކުވާ ތަކެއްގެ ސަބަބުން ކަމަށެވެ.
"ގާތްގަނޑަކަށް ބުނާނަމަ އަޅުގަނޑުމެން ކައުންސިލާ ހަވާލުވީއްސުރެ މި އަންނަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާއި، އެތަނުން ވައްކަން ކުރުމާއި އެތާ ނިދާ ކައިބޮއެ ހެދުމާ މިޒާތުގެ އެތައް ކަމެއް މިސްކިތްތައް ތެރޭ އެބަ ހިނގާ،" ނަރީޝް ވިދާޅުވިއެވެ.
ހުރިހާ މިސްކިތްތައް މޮނިޓަ ކުރެވޭނެ ނިޒާމެއް ގާއިމު ކުރަންޖެހޭ ކަމަށާއި ކޮންމެ މިސްކިތެއް ކައިރި ޕޮލިހުން ބޭތިއްބުމަކީ އުނދަގޫ ކަމެއް ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
"އެ ތަންތަން މޮނިޓަ ކުރަން ކޮންމެ ތަނެއްގަ ޕޮލިހުންނެއް ނުބޭތިއްބޭނެ އެއްނޫންތޯ. އެހެންވީމަ ރަނގަޅު މެކޭނިޒަމްއެއްގެ ތެރެއިން މިސްކިތްތައް ބަލަހައްޓަން ބޭނުންވަނީ،" ނަރީޝް ވިދާޅުވިއެވެ.
ހުރިހާ މިސްކިތްތައް ސީސީޓީވީ ވިއުގައަކުން ގުޅާލުމަށްފަހު ކޮންޓްރޯލް ސިސްޓަމް ކައުންސިލް އިދާރައިގައި ބަހައްޓައިގެން ކައުންސިލުން ބަލަހައްޓާ، މޮނިޓަ ކުރާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.
އިތުރަށް ނަރީޝް ވިދާޅުވީ ސީސީޓީވީ ހަރުކުރާނެ ފަރާތެއް ނަގާއިރު ބަލާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކައުންސިލްގެ ބަޖެޓަށްވެސް އެންމެ ލުއި ގޮތަކަށް އެކަންތައް ކުރުން ކަމަށެވެ.
އެންމެ ފަހުން ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބޮޑު ރާޅުގައި މިސްކިތްތަކުގައި ޖަމާތުގައި ނަމާދު ކުރުން ހުއްޓާލުމުން ގިނަ މިސްކިތްތަކެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދުމުގެ އިތުރުން އެއްޗެހި ދޮވުންވެސް އާންމުވެގެން ދިޔައެވެ.