ޕްރިމިއާ ލީގު ސީޒަންގެ ފުރަތަމަ މެޗުގައި އަލަށް ލީގަށް ޕްރޮމޯޓްވި ބްރެންޓްފޮޑްއިން އާސެނަލް ބަލިކޮށްފިއެވެ.

އާސެނަލްއިން މެޗަށް ނިކުތީ އެޓީމުގެ މުހިންމު ދެކުޅުންތެރިން ނުލައެވެ. ކެޕްޓަން ޕިއޭ އެމެރިކް އޮބަމަޔަންގް އަދި ފްރާންސް ފޯވާޑް އެލެގްޒަންޑާ ލަކަޒެޓް ނުކުޅެއެވެ.

މެޗުގެ ފުރަތަމަ ހުސް ފުރުސަތު ލިބުނީ ބްރެންޓްްފޮޑްއަށެވެ. 12 ވަނަ މިނިޓުގައި ފްރާންސް ފޯވާޑް ބްރަޔަން އެމްބެމޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ބްރެންޓްފޮޑްއިންނެވެ. މިލަނޑު އެޓީމަށް 22 ވަނަ މިނިޓުގައި ޖަހައިދިނީ ސާޖީ ކަނޯސްއެވެ.

އާސެނަލް އޭރިއާގެ އަރިމަތިން ބޯޅަ ހިފައިގެން ވަދެ ކަނޯސް ވަނީ ގޯލުގެ ކައިރި ތިރީ ކަނަށް ބޯޅަ ވައްދާލާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދައި އާސެނަލްގެ ގޯލަށް ބްރެންޓްފޯޑްއިން ވަނީ ނުރައްކާ ކޮށްފައެވެ.

ދެވަނަ ހާފުގައި އާސެނަލްއިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓާފައެވެ. ނަމަވެސް ބްރެންޓްފޮޑްގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ.

ބްރެންޓްފޮޑްއިން މެޗުގެ ތިން ޕޮއިންޓު ޔަގީން ކުރީ 73 ވަނަ މިނިޓުގައެވެ. އަރިމަތިން އެއްލި ބޯޅައެއް އޭރިއާ ތެރޭގައި ފެނު ޖެހިފައި އެރި ބޯޅަ ކްރިސްތިއަން ނޯގާޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އެއްވެސް ބަހަނާއެއް ދައްކަން ބޭނުން ނުވާ ކަމަށާއި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަކީ ބަލައިގަނެވޭނެ ކުޅުމެއް ނޫންކަމަށެވެ.

ބްރެންޓްފޮޑްގެ ކޯޗު ތޯމަސް ފްރޭންކް ބުނީ އާސެނަލް ކަހަލަ ބޮޑު ޓީމެއް ކައިރިން މޮޅެއް ހޯދުމާކީ ބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ. އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ހީކުރި ވަރަށް ވުރެ ރަނގަޅު ކުޅުމެއް ކަމަށް ވެސް ބްރެންޓްފޮޑް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ފްރޭންކް ބުނީ އާސެނަލްއަށް ވުރެ ވަރުގަދަ ޓީމު ތަކާ ކުޅެން ޖެހޭ ކަމަށާއި އޭނާ ގަބޫލުކުރާ ގޮތުގައި ބްރެންޓްފޮޑް އޮތީ ކުރިއަށް ހުރި މެޗުތަކައް ވަރަށް ރަނގަޅަށް ތައްޔާރުވެފަ ކަމަށެވެ.