ސާފް ޗެމްޕިއަންޝިޕްއަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ފުޓްބޯލް އެޝޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނެދަލޭންޑްސްގެ މާޓިން ކޫޕްމަން ވަނީ މަގާމުން ދުރުކޮށްފައެވެ.

ދިވެހި ފުޓުބޯޅައިގެ އެންމެ ފޯރީގައި މިހާރު ދެކެވެމުން އަންނަ ވާހަކަ އަކީ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަވާލުވުން އެންމެ ގާތް ފަރާތަކީ ކޮބައިތޯއެވެ.

މިވާހަކަ އިތުރަށް ވައިގައި ހިފައިގެން ގޮސްފައިވަނީ ޕީއެސްއެމްގެ "އެކްސްކުލޫސިވް" ޕްރޮގްރާމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސާފް ޗެމްޕިއަންޝިޕަށް ދާއިރު މުޅި ޓީމަކީ ދިވެހިން ތަމްސީލް ކުރާ ޓީމަކަށް ވުމުގެ ފުރުސަތު އޮތްކަމަށް ބުނުމުންނެވެ.

ދިވެހި ކޯޗުންގެ ތެރޭގައި ތަޖުރިބާކާރު މޮޅު ކޯޗުން އެބަތިއްބެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކޯޗިން ލައިސެންސް ލިބިފައިވާ ކޯޗުން މިހާރުވެސް ފުރަތަމަ ޑިވިޝަންގެ ޓީމުތަކާ ހަވާލުވެގެން އެބަތިއްބެވެ.

ދިވެހި ކޯޗުންގެ ތެރެއިން ގިނަ ކޯޗުން ތިބީ ދިވެހި ލީގުގެ ޓީމުތަކާ ހަވާލުވެގެންނެވެ. ފުރަތަމަ ޑިވިޝަން ޓީމެއް ދޫކޮށް ގައުމީ ޓީމާ ހަވާލުވާން ކޮންމެ ކޯޗެއްވެސް ބޭނުންވާނެއެވެ.

ނަމަވެސް މިހާރުގެ ހާލަތާއި ވަގުތަށް ބަލައި ގައުމީ ޓީމާ ހަވާލުވާނެ ފަރާތަކީ އަލީ ސުޒޭންއަށް ވުމަކީ ވަރަށް ގާތް ކަމެކެވެ.

ސުޒޭން އަކީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ. ދާދި ފަހުން އެފްއޭއެމްއިން ވަނީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމުވެސް ސުޒޭން އާ ހަވާލުކޮށްފައެވެ.

ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ޝަރުތު ހަމަވާ މަދު ދިވެހި ކޯޗުންގެ ތެރޭގައި ސުޒޭން ހިމެނޭނެއެވެ. ތަޖުރިބާގެ ގޮތުން ބެލިޔަސް ކާމިޔާބީއަށް ބެލިޔަސް ސުޒޭން މަގާމަށް ޝަރުތު ހަމަވެއެވެ.

ފުރަތަމަ ޑިވިޝަނުގައި ވިކްޓްރީ، މާޒިޔާ، ގދ. ތިނަދޫ އަދި ފަހުން ގްރީން ސްޓްރީޓްސްއަށް ކޯޗުކޮށްދިން ސުޒޭން ވަނީ 11 ތަށި އުފުލާލައިފައެވެ.

އަމިއްލަ ގައުމުގެ ފުޓުބޯޅަ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ ކޮންމެ ކޯޗަކަށްވެސް ލިބިގެންދާނެ ބޮޑު ޝަރަފެކެވެ. ސުޒޭންގެ ވާހަކަވެސް ހުރީ މިފަދަ ގޮތަކަށެވެ.

ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސުޒޭން ބުނީ ގައުމީ ޓީމުގައި ރަނގަޅު ސްކޮޑެއް އެބައޮތް ކަމަށާއި އަދި އަމިއްލަ ގައުމުގައި ސާފް ޗެމްޕިއަންޝިޕް ފަދަ ބޮޑު މުބާރާތެއް ބާއްވާ އިރު ކޮންމެ ކޯޗެއްވެސް ގައުމީ ޓީމަށް ކޯޗު ކޮށްދޭން ބޭނުންވާނެ ކަމަށެވެ.

"ވަރަށް ބޮޑު އުންމީދެއް އެއީ ގައުމީ ޓީމާ ހަވާލުވުން. ކޮންމެ ކޯޗެއްވެސް ބޭނުންވާނެ ގައުމީ ޓީމަށް ކޯޗު ކޮށްދިނުމަށް. އެންމެ ފަހު ވަގުތާ ޖެހެންދެން އުންމީދު ކަނޑާނުލާނަން. ވަރަށް ބޭންނު ގައުމީ ޓީމަށް އިރުޝާދު ދޭން،" ސަން އާ ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.

އޮކްޓޫބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ޓީމުން 30 ދުވަހުގެ ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް އެފްއޭއެމްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހެންކަމާއެކު ވީ އެންމެ އަވަހަކަށް ގައުމީ ޓީމަށް ކޯޗެއް ހަމަޖެއްސުން މުހިންމެވެ.

ފާއިތުވެދިޔަ އަހަރުތަކަށް ބަލާއިރު ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ދިވެހި ކޯޗެއް ނިކުމެފައިވަނީ 2015 ވަނަ އަހަރުއެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރި އިސްމާއިލް މަހަފޫޒް (އިންމަ)އެވެ. އިންމަގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ދެކޮޅަށް ކުޅެފައެވެ.