13 Aug 2021, 21:47
ބިދޭސީންގެ ބަދަލުގައި ދިވެހީން ސިޓީ ކައުންސިލުގެ ވަޒީފާއަށް ނެގުމަކީ މާ ރަނގަޅުކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ބިދޭސީންނަށް ދޭ މުސާރަ ދިވެހީންނަށް ދީފައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސިޓީ ކައުންސިލުން ގަބޫލް ކުރާ ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ސިޓީ ކައުންސިލް ބައްދަލުވުމުގައި ސްޓެރެޓްޖިކް އެކްޝަން ޕްލޭންގައިވެސް އަޅުގަނޑުމެން ނިންމާފައި އޮތް ނިންމުމެއް،" ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ ދިވެހިން ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ހޮވުމުގެ މަސައްކަތް ޕްލޭންތަކަކަށް ބަހާލައިގެން ފަށާފައިވާނެކަމަށެވެ. އަދި ސިޓީ ކައުންސިލުގެ މުވައްޒަފުންގެ ތެރެއިން ބިދޭސީން މަދުކުރުމުގައި އިދާރީ ބައެއް ކަންކަން މިހާރު ކުރަމުންދާކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
"އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް އޭގަ އެބަހުރި. އެ ކަންކަން ކުރުމަށްފަހުގައި އަޕްޑޭޓުތައް ވަމުންދާ ވަރަކަށް އަޅުގަނޑުމެން ނޫސްވެރިންނާ ހިއްސާ ކުރަމުން ދާނަން،" ނަރީޝް ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ބިދޭސީން މުވައްޒަފުންނަށް ގާތްގަނޑަކަށް 8،000 ރުފިޔާގެ މުސާރައެއް ލިބޭއިރު ހަމަ އެ މުސާރައިގައި ދިވެހިން އެ ވަޒީފާތަކަށް ނަގަން ކައުންސިލުން ބޭނުންވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.