މާފަންނު ބޮޑުގޭ ޕާކިން ޒޯނުގައި އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ މަޝްވަރާ ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ބޮޑުގޭ ޕާކިން ސަރަހައްދުގައި އިސްލާމީ މަރުކަޒެއް ގާއިމުކުރަން ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

"އެ ސަރަހައްދުގަ ރައްޔިތުން ބޭނުންވަނީ އިސްލާމިކް ބިނާއެއް ހަދަން. ރައްޔިތުންގެ ހިޔާލަށް ރޭ މާފަންނު ބައްދަލުވުމަގަ ހުށަހަޅާލީ. ރައްޔިތުންގެ ހިޔާލު އަންނަ ގޮތަކަށް ޕްލޭން ހަދާނީ،" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ އެ ސަަރަހައްދުގައި ވަގުތީ މިސްކިތެއްގެ ބަދަލުގައި ރީތި އިސްލާމީ ބިނާއެއް ހަދާނީ ނަމާދު ކުރުމުގެ އިތުރުން އެހެނިހެން ބޭނުންތައްވެސް ކުރެވޭ ގޮތައް ކަމަށެވެ.

އެ ސަރަހައްދުގައި އިސްލާމީ ބިނާއެއް ހެދުމުގެ ހިޔާލު އައީ ގިނަ ރައްޔިތުންތަަކެއްގެ އެދުމުގެ މަތިންކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކެމްޕޭން ތެރޭގައި އެ ސަރަހައްދުގެ ގިނަ ރައްޔިތުން ބޭނުންވީ އެކަން އެގޮތަށް ކުރަން. ކޮންމެ ގޮތެއްވިޔަސް ޕަބްލިކް ކޮންސަލްޓޭޝަނަކަށް ދާންވާނެ އެގޮތައް އެކަން އަޅުގަނޑު ކުރަންޔާ" ނަރީޝް ވިދާޅުވިއެވެ.

ހުށަހަޅާ ހުރިހާ ކަމެއް އެއީ ނިންމާ ނިންމުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ޕްލޭނަށްލުމަށްފަހު ސަރުކާރުގެ ތަރައްގީ ޕްލޭން އާ އެއްގޮތަށް ފައިނަލައިޒް ކުރާނެ ކަމަަށް ނަރީޝް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ ކުރިޔަށް ހުރި ރައްޔިތުންގެ ހެންވޭރު ބައްދަލުވުމާއި ހުޅުމާލެ ބައްދަލަވުމުގައިވެސް މި ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށެވެ.

ބޮޑުގޭ ޕާކިން ޒޯނަކީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ހުޅުވި ތަނެކެވެ.