އިޒްރޭލުގެ އެއްވެސް ބޯޓަކުން ރާއްޖެ އަށް އުދުހުމުގެ ހުއްދައަށް އެދިފައިނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން އެގޮތަށް މި ބުނީ އިޒްރޭލުގެ ރަސްމީ އެއާލައިން "އެލްއަލް" އިން ރާއްޖެ އަށް އުދުހުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓްރީގެ މިއަދުގެ ބަޔާނުގައި ބުނަނީ އިޒްރޭލާ އެކު ވައިގެ ދަތުރުފަތުރު ގާއިމްކުރުމުގެ ސިޔާސަތު ކަނޑައަޅާނީ އެ މައްސަލައިގައި މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލަ ނިމުމުން ކަމަށާއި މަޖިލީހުން އެކަމުގައި ނިންމާ ގޮތެއްގެ މައްޗަށް ސަރުކާރުގެ ސިޔާސަތު ބިނާވާނެ ކަމަށެވެ.

"އިޒްރޭލުގެ އެއްވެސް އެއާލައިނެއްގެ ދަތުރުތައް ރާއްޖެ އަށް އައުމުގެ ހުއްދައަށް އެދި ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުމެއް މިވަގުތު ނެތުމާ އެކު އިޒްރޭލުގެ މަތިންދާބޯޓް ރާއްޖެއަށް ޖެއްސުމާ ބެހޭ އެއްވެސް ކަމެއް ސަރުކާރުން ވިސްނަމުންގެންދަން ޖެހިފައެއްނުވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އާދިލް ވަނީ އެލްއަލްގެ ދަތުރުތައް މިދިޔަ ނޮވެމްބަރު މަހު ފަށަން ހުރިހާ ކަމެއް ނިމި އެއާލައިންއަށް ހުއްދަދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ހުއްދަ ނުދެއްވާ ކަމަށް އޭނާ ވަނީ މަޖިލީހުގެ ކޮމެޓީގައި ވިދާޅުވެފަ އެވެ.

އެލްއަލްގެ ދަތުރުތައް ފަށާ ވާހަކަ ފެތުރުމާ އެކު އަދާލަތު ޕާޓީ އާއި ދީނީ ފިކުރުގެ ޖަމާއަތްތަކުން އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.