ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ޒުވާން ޑިޕްލޮމެޓުންނާއި ސިވިލް ސާވެންޓުން ތަމްރީނު ކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފައްޓަވަން ނިންމަވާފައިވާކަން އިއުލާންކުރައްވައިފިއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު ކުރެއްވި ޓުވީޓެއްގައިވާ ގޮތުން ގައުމުގެ ކަންތައްތައް ނިންމުމުގައި، ހާއްސަކޮށް މުސްތަގުބަލަށް އޭގެ އަސަރު ކުރާ ފަދަ ސިޔާސަތުތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން މުހިންމުކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

އެހެންކަމުން ޝާހިދު ވަނީ އދ.ގެ ބައެއް ގައުމުތަކުން ޒުވާން ޑިޕްލޮމެޓުންނާއި ސިވިލް ސާވެންޓުން ތަމްރީނު ކުރުމަށް، "ޕީޖީއޭ ޔޫތު ފެލޯޝިޕް ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް ފައްޓަވަން ނިންމަވާފައެވެ.

އެ ޕްރޮގްރާމުގެ މަގުސަދަކަށް ވާނީ އދ.ގެ މައި އޮފީސް ހުންނަ ނިއު ޔޯކަށް ޒުވާނުން ގެންދިޔުމަށް ފަހު، އދ.ގެ ނިޒާމު މަސައްކަތް ކުރާ ގޮތް ދައްކައި، ގައުމުތަކުގެ ގުޅުމަށް ވަކާލާތު ކުރާ ބަޔަކަށް އެމީހުން ހެދުމެވެ.

"ޔޫތު ފެލޯޝިޕް އިން މަސައްކަތް ކުރާނީ އެލްޑީސީ/އެލްއެލްޑީސީ/ސިޑްސްއިން ކުރިއަށް އޮތް ޖީލުގެ ޑިޕްލޮމެންޓުންނާއި ސިވިލް ސާވެންޓުން އުފައްދަން،" ޝާހިދު ވިދާޅުވިއެވެ.

އެލްއެލްޑީސީ އަކީ އދ.ގެ ލޭންޑްލޮކްޑް ޑެވެލޮޕިން ކަންޓްރީސް ނުވަތަ ވަށައިގެން ބިން އޮންނަ، ތަރައްގީ ވަމުން އަންނަ ގައުމުތަކެވެ. އޭގެ ތެރޭގައި އަފްގާނިސްތާން ހިމެނެއެވެ. އަދި އެލްޑީސީ އަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތައް ކަމަށްވާ އިރު އޭގެ ތެރޭގައި މިޔަންމާ އާއި ނޭޕާލް ހިމެނެއެވެ. އަދި ސްމޯލް އައިލެންޑްސް ޑެވެލޮޕިން ސްޓޭޓްސް (ސިޑްސް)ގައި ރާއްޖެ ހިމެނެއެވެ.

މިދިޔަ ޖޫން މަހު އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވި ޝާހިދު އެ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގައެވެ.