ކާބުލް (އޮގަސްޓު 13): އަފްގާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކަންދަހާރާއި ތިން ވަނައަށް އެންމެ ބޮޑު ސިޓީ ހިރާތު، ތާލިބާނުން ހިފައިފިއެވެ.

ކަންދަހާރާއި ހިރާތުގެ ރައްޔިތުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓު ކުރި ގޮތުގައި ތާލިބާނުން ވަނީ އެ ސިޓީތަކުގެ ގަވަރުނަރުގެ އޮފީސް ފަދަ ސަރުކާރުގެ އިމާރާތްތައް ހިފާފައެވެ.

އަފްގާން އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ސިޓީތައް ހިފުމަށް ފަހު ތާލިބާނުން ވަނީ ޖަލުތަކުގައި ތިބި އެ ޖަމާއަތުގެ ހަނގުރާމަވެރިން ދޫކޮށްލާފައެވެ.

ރޮއިޓާސްއިން ރިޕޯޓު ކުރި ގޮތުގައި ކަންދަހާރުގެ ކޮންޓްރޯލް ތާލިބާނުން އަތުލި ނަމަވެސް އެ ސިޓީގެ އެއާޕޯޓު އަދިވެސް އޮތީ ސަރުކާރުގެ ފައުޖުތަކުގެ ބާރުގެ ދަށުގައި ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތް ފެށި ފަހުން ތާލިބާނުންގެ ހަރަކާތްތައް ވަނީ އިތުރުކޮށްފައެވެ. އަދި ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި އެ ޖަމާއަތުން ވަނީ އެގައުމުގެ 34 ޕްރޮވިންސުގެ ތެރެއިން 11 ޕްރޮވިންސުގެ ވެރިރަށް ހިފާފައެވެ.

ތާލިބާނާއި އެމެރިކާގެ ފައުޖުތަކާ ދެމެދު މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ބަދަލު ކުރި ހަމަލާތަކުގައި 1،600އަށް ވުރެ ގިނަ އާންމު ރައްޔިތުން މަރުވެފައިވެއެވެ. އަދި ގާތްގަނޑަކަށް 360،000 މީހުން މަގުމަތިވެފައިވެއެވެ.

އެ ހަމަލާތަކުގެ އިތުރަށް އަފްގާން ރައްޔިތުންނަށް ވަނީ ކާނާއި ފެން ނުލިބުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެގައުމުގެ 80 ޕަސަންޓު ސަރަހައްދުގައި ހަނަފަސްކަން އިތުރުވެ، ކާނާ އުފެއްދުމަށް ވަނީ ހުރަސް އެޅިފައެވެ.