13 Aug 2021, 17:57
ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން މަގާމުން ވަކިކޮށްފިއެވެ.
ކޫޕްމަން މަގާމުން ވަކިކޮށްފައިވާނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމުން ނެރުނު ނަތީޖާ އާއި މެދު ފުޓްބޯލް އެޝޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވެރިންނާއި ކޫޕްމަން ކުރިއަށް ގެންދިއަ މަޝްވަރާތަކަށް ފަހުއެވެ.
މިދިޔަ އަހަރު ޖެނުއަރީ މަހު ގައުމީ ޓީމާ ހަވާލުވެ ރަސްމީ އެއްވެސް މެޗެއް ނުކުޅެ އޮއްވާ ކޫޕްމަންގެ އެއްބަސްވުން ވަނީ މިއަހަރު ކުރީ ކޮޅު އިތުރު ތިން އަހަރަށް އިތުރުކޮށްފައެވެ.
ކުރިން އަރޫބާގެ ގައުމީ ޓީމުގެ އިތުރުން ސައުދީ އަރަބިއާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުވެސް އަދާކޮށްފައިވާ ކޫޕްމަން ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ތިން މެޗުގައި އިރުޝާދު ދީފައެވެ.
ފުރަތަމަ މެޗުގައި ރާއްޖެ ވާދަކުރީ ސީރިއާ އާއި ދެކޮޅަށެވެ. އެމެޗުން 4-0 ބަލިވިއިރު ދެވަނަ މެޗުން ޗައިނާ އަތުން ރާއްޖެ ބަލިވީ 4-0 އިންނެވެ.
ފަހު މެޗުގައި ފިލިޕީންސް ކާރިން 1-1 އިން އެއްވަރު ކުރި ނަމަވެސް ކޮލިފައިންގައި ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.
އޮކްޓޫބަރު މަހު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައި އޮއްވާ ގައުމީ ޓީމުގެ ކޯޗު ވަކިކޮށްލުމާއެކު މިވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ.
ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ނިކުންނައިރު ދިވެހި ކޯޗެއް ހުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ޕީއެސްއެމްގެ "އެކްސްކުލޫސިވް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ދާއިރު މުޅި ޓީމަކީ ދިވެހިން ތަމްސީލް ކުރާ ޓީމަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ދިވެހި ކޯޗުންގެ ތެރޭގައި ގައުމީ ޓީމަށް ކޯޗު ކޮށްދެވޭ ފެންވަރުގެ ކޯޗުން އެބަތިބިކަމަށް ބައްސާމް ވިދާޅުވިއެވެ. ދާދި ފަހުން އެފްއޭއެމްއިން ވަނީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އަލީ ސުޒޭން ހަމަޖައްސާފައެވެ.
ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗުންގެ މަގާމަށް ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް އަދި ވެލެންސިއާގެ ކުރީގެ ކޯޗު ސޮބާހު މުހައްމަދު އާއި ކުރީގެ 16 އަހަރާއި 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު މުހައްމަދު ޝާހިދު (ޝާޑު) ވަނީ ހަމަޖައްސާފައެވެ.